ގާނޫނުލްއުގޫބާތުގައި ގިސާސް ހިފަން ހުރަސްއެޅޭ ގޮތަށް އޮތް މާއްދާއެއް ބާތިލް ކޮށްފި

ގާނޫނުލްއުގޫބާތުގައި ގިސާސް ހިފަން ހުރަސްއެޅޭ ގޮތަށް އޮތް މާއްދާއެއް ބާތިލް ކޮށްފި

ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، އިސްލާމް ދީނުގެ ޝަރީއަތުގައި ގިސާސް ހިފުމަށް (މަރަށް މަރު ހިފުމަށް) ހުރަސް އެޅޭގޮތަށް އޮތް މާއްދާއެއް ސުޕްރިމް ކޯޓުން ބާތިލް ކޮށްފިއެވެ.

މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) ވެސްޓްޕާކް ކައިރީގައި މަރާލި މައްސަލާގައި މުހައްމަދު ޝައިފަންގެ މައްޗަށް ކުރި ދައުވާ ސާބިތުވާކަމަށް ކަނޑައަޅުމުން ސުޕްރިމް ކޯޓުގެ ހުކުމުގައި ވަނީ، ގާނޫނުލް އުގޫބާތުގައި ގިސާސް ހިފުމަށް ހުރަސް އެޅޭގޮތަށް އޮތް މައްދާ އަކީ ބާތިލް މާއްދާއެއް ކަމުގައި ކަނޑައަޅާފައެވެ.

ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން މިއަދު އިއްވެވި ހުކުމްގައި ބާތިލްކުރަން ނިންމާފައިވާ މާއްދާއަކީ، ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރެވެ. މި މާއްދާގައި ބުނަނީ، ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން، ކުށެއް ސާބިތުކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތުކުރުމަށް ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރުމެއްވާ ނަމަ، ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެ ކުށެއް ސާބިތުވީ ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

މިމައްސައާއި ގުޅޭގޮތުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މި މާއްދާގައި ބުނާ މިންވަރު ސާބިތު ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށާއި މި މާއްދާ ޑްރާފްޓް ކޮށްފައިވަނީ ހާސިލްކުރުން މުސްތަހިއްލު ޝަރުތެއް ކޯޓަށް މަތިކޮށް ގިސާސް ހިފުމަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ.

އަދި ގިސާސް ހިފުމަކީ ސީދާ ކީރިތި ޤުރުއާން އިން ބަޔާންކުރެވިގެން އައިސްފައިވާ އުގޫބާތެއް ކަމާއި އިސްލާމީ ޝަރީއާގެ މި އަސްލާ ހިލާފުވާ ގޮތަކަށް ރާއްޖޭގައި ގާނޫނެއް ނުހެދޭނެ ކަމަށާއި އަދި މާނަ ވެސް ނުކުރެވޭނެ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ. ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އިސްލާމީ ޝަރީއަތާ ހިލާފުވާ ކޮންމެ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ވެސް ވާނީ ބާތިލް އެއްޗަކަށް ކަމަށެވެ.

މީގެއިތުރުންވެސް މަރުގެ އަދަބު ދޭން ޖެހޭ ހާލަތުގައި 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުން އިތުރު ޝަރުތުތަކެއް ކަނޑައަޅައި މަރުގެ އަދަބު ރާއްޖޭގައި އަމުދުން ނުދެވޭ މިންވަރަށް، އަމަލީ ގޮތުން ނުކުރެވޭނެ ކަމެއްގެ ގޮތަށް މާނަ ކުރެވޭ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންވެ އެ މާއްދާ އުވާލަން ފަނޑިޔާރު ސުއޫދު ނެރުއްވި ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ތާއިދު ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *