ހުޅުމާލެއިން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި މުއްސަނދި ދިރިއުޅުމެއްގައި ހަސަން މަމްދޫހް (މަންޑޭ) އުޅެމުންދިޔަ މަތީ ފަންތީގެ ދިރިއުޅުމުގެ މަޢުލޫމާތުތައް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޗަމީމް މިއަދު ހިއްސާކުރައްވައިފިއެވެ.
ޕީޖީ އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޝަމީމް ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބިނާކޮށް އަންނަ ހަފުތާގެ ކުރީކޮޅު މައްސަލަ ހުށަހެޅޭ ވަރުވާނެ ކަމަށެވެ. މި މައްސަލައިގައި މަންޑޭގެ އިތުރުން އެހެން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށާއި ހަންބޯ ކުންފުނީގެ ސޮއި ފޯޖުކޮށް، ބީއެމްއެލް އެކައުންޓެއް ހުޅުވައިގެން އޭގެ އެކްސެސް އެ މީހުން ހޯދައިގެން އޭގެ މުއާލަމާތު ކޮށްފައިވާ ކަމަށް ޕީޖީ ވިދާޅުވިއެވެ. ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މަންޑޭގެ ޕެންޓް ހައުސެއް ވަނީ ފުލުހުންގެ ތަހުގީގަށް ހިފަަހައްޓާފައެވެ.
މަނީ ލޯންޑަރިންގެ ފައިސާއިން ގަނެފައިވާ ނުވަތަ މަނީ ލޯންޑަރިންގެ އަމަލެއް ތެރޭގައި ހޯދާފައިވާ އެޕާޓްމެންޓެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ އެ އެޕާޓްމެންޓް ގަނެފައި ވަނީ ކޭޕާކް ރެޒިޑެންސްގެ ދެ އެޕާޓްމެންޓެއް، ހަތަރު މީހަކަށް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށެވެ.

އޭނަގެ މުދަލުގެ ގޮތުގައި ޕީޖީ ހިއްސާކުރި މަޢުލޫމާތު:
- ލަގްޒަރީ އަތްދަބަސްތަކުގެ އަގު 90،000 ޑޮލަރު އަރާ. އޭގެ ތެރޭގައި 40،000 ޑޮލަރާއި 50،000 ޑޮލަރަށް ގަތް ދަބަސް އެބަހުރި
- 10،000 ޑޮލަރާއި 15،000 ޑޮލަރަށް ގަނެފައިވާ ގަހަނާ
- 200 އަށް ވުރެ ގިނަ ނުކަނޑާހުރި ބްރޭންޑެޑް ސެންޓުފުޅި

ކޭޕާކުގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކާ ފައިސާ ނެގި މައްސަލަ ހަންބޯ ކުންފުންޏާއި އާބަންކޯއިން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފައެވެ. އަދި, ކޭޕާކު ރެސިޑެންސްގެ އެޕާޓްމެންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެކި ފަރާތްތަކަށް ވިއްކައި ލިބުނު ފައިސާއަށް ޚިޔާނަތްތެރިވި ކަމަށް ތުހުމަތުކޮށްފައިވެއެވެ.
އެ މައްސަލައިގައި މަންޑޭ ހައްޔަރު ވެސް ކުރިއެވެ. އެކަމަކު، މިހާރު އޭނާ ދޫކޮށްލާފައި ހުރީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހުއެވެ. މަންޑޭގެ އިތުރުން ވެސް އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.

މަންޑޭގެ މައްޗަށް ކުރަން ނިންމާފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑަރިންގެ ދައުވާ އެވެ. އަދި ސައްހަ ނޫން ލިޔުމުގެ ދައުވާ އާއި އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި ޓެކުގެ ދައުވާ ކުރަން ވިސްނާ ކަމަށް ޝަމީމް ވިދާޅުވިއެވެ. މި ހުރިހާ ދައުވާތަކެއް ކުރަން ނިންމާފައި ވަނީ ކޮންމެ ހާދިސާއަކަށް ވަކިވަކިން ކަމަށް ވާތީ، މަންޑޭގެ މައްޗަށް 255 ދައުވާ ކުރާނެ ކަމަށް ބެލެވޭކަމަށް ޕީޖީ ވިދާލުވިއެވެ.
ކޮމެންޓު ފޮނުވާ