ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލިހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އީވާގެ އިތުބާރު ނެތްކަމުގެ މައްސަަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރުާނެކަން އީވާގެ އިތުރުން އިތުރުން މެމްބަރުންނަށްވެސް މިހާރު ވަނީ އަންގާފައެވެ.
މަޖިލިހުގެ ބައެއް މެމްބަރުންވަނީ މައްސަލަ އެޖެންޑާ ކުރާނެކަން އަންގާ މަޖިލިހުގެ އަމީން އާންމުގެ ސިޓީއެއް ލިބިފައިވާކަން ޔަގީން ކޮށްދީފައެވެ.
އަމީން އާންމު ފޮނުއްވި ސިޓީގައިވަނީ، މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މިގޮތުން އެ މާއްދާ އާއި އެއްގޮތަށް ޑިސެމްބަރު 3 ވަނަ ދުވަހު ބާއްވާ ޖަލްސާ އަށް އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް އަމީންއާންމުގެ ވަނީ ސިޓީގައި ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީން ވަނީ އީވާގެ އިތުބާރުނެތްކަމުގެ މައްސަލާގައި ކޮންމެ މެމްބަރަކަށްވެސް 3 މިނިޓަށްވުރެ އިތުރުނުވާ ގޮތުގެ މަތީން އެއްފުރުސަތު ދިނުމަށް ނިންމާފައެވެ.
މިއީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރަައްޔިތުންގެ މަޖިލިހަށް ހުށަހެޅިގެންދިޔަ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރަށް އެމައްސަލަ މަޖިލިހަށް ވެއްދީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. އެހެންނަމަވެސް ފުރަތަމަ ބުރުގައި ރައީސް ސާލިހަށް ބޮޑު ނާކާމިޔާބީއެއް ލިބިގެން ދިއުމާއެކު، އެމްޑީޕީންވަނީ އީވާއާއި ނަޝީދުގެ މައްސަލަވެސް އެޖެންޑާއިން ނަގާފައެވެ.
އެހެންނަމަވެސް ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުން އެޕާޓީންވަނީ އަނެއްކާވެސް އީވާއާއި ނަޝީދުގެ މައްސަލަ މަޖިލިހަށް ވައްދާފައެވެ. އީވާގެ މައްސަލަ ދެވަނަ ފަހަރަށް ވެއްދީ މިމަހުގެ 13 ވަނަ ދުވަހު 50 މެމްބަރުންގެ ސޮޔާއެކުއެވެ.
އީވާ ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރެވުނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ. އެހެންނަމަވެސް އީވާ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައިވާތީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ އިތުބާރު އީވާއަށް ގެއްލިފައިވާ ކަމަށްވެސް ގަރާރުގައި ބުނެފައި ވެއެވެ.
މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ މަޖިލީހުގެ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުއެވެ. 19 ވަނަ މަޖިލީހުގައި ތިއްބަވަނީ 87 މެންބަރުން ކަމުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ވަކިކުރުމަށްޓަކައި 21 މެންބަރުންގެ ސޮއި ހަމަކުރަން ޖެހޭނެއެވެ.