ރައީސް ސާލިހުގެ ސަރުކާރުން ހުޅުވާލީ ބޯހިޔާވަހިކަމުގެ ދެ މަޝްރޫޢު ކަމަށްވާ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމްގެ ދެ ވަނަ ބުރުގައި ފްލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ނަންތައް އާންމުކޮށްފި އެވެ.
ސަރުކާރުން ބުނެފައިވަނީ ފްލެޓާއި ގޯއްޗަށް ހުޅުވާލުމުން ދެވަނަ ބުރުގައި 40،000 އަށްވުރެ ގިނަ މީހުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާފައިވާ ކަމުގައެވެ.
މިއަދު ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ނިމެންވެފައިވަނިކޮށް، ހައުސިން މިނިސްޓްރީން ރޭ އިއުލާންކުރި ލިސްޓުގައިވާ ގޮތުން، ފްލެޓަށް 21،247 މީހުން އަދި މާލެ ސަރަހައްދުން ގޯތި ހޯދަން 19،347 މީހުން ކުރިމަތިލާފައިވެ އެވެ. ލިސްޓު ގެޒެޓް ކޮށްފައިވަނީ ރޭ 11:53ގައެވެ.
ރޭ ލިސްޓު އާންމު ކުރުމަށްފަހު ހައުސިން މިނިސްޓްރީންވަނީ ފްލެޓާއި ގޯއްޗަށް ކުރިމަތި ލީމީހުންގެ ތެރެއިން ލިސްޓުގައި ނަން ނެތް ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.
ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ދެވަނަ ފުރުސަތުގައި ފެލެޓަށް ކުރިމަތި ލެވޭ ޝަރުތަކަށް ހަދާފައިވަނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވުން އަދި ގޯއްޗަށް އެދޭ ފަރާތަކީ މާލޭގެ ރަށްވެއްސަކަށް ވުން، ނުވަތަ މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައި ވުމެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި ފުރަތަމަ ބުރުގައި ހުޅުމާލެ އަދި ގިރާވަރުފަޅުން ގޯއްޗަށް ހުޅުވާލުމުން 20،000 އަށްވުރެ ގިނަމީހުން ކުރިމަތި ލާފައި ވެއެވެ. އެމީހުންގެ ތެރެއިން ޝަރުތު ހަމަވާ 18،955 މީހުންނާވަނީ ގޯތީގެ ރަޖިސްޓްރީވެސް ހަވާލު ކޮށްފައެވެ.
މިއަދު ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރައްވާ ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ރައީސް ސާލިހުގެ ސަރުކާރުން ހުޅުވާލި ފުރުސަތުގައި ފްލެޓާއި ގޯއްޗަށް އެދުނު މީހުންގެ ފޯމުތައް ބާތިލް ނުކުރާނެ ކަމުގައެވެ.
ސަރުކާރު ނިމުމުގެ ކުރިން ފުރަތަމަ ބުރުގައި ފެލްޓް ހަވާލުކުރާ 4،000 މީހުންނަށް ފެލްޓް ހަވާލުކޮށް ގުރުލުމުގެ މަސައްކަތްވެސް ފެށިއެވެ. އެހެންނަމަވެސް އެ މަސައްކަތް ހުއްޓާލާފައިވަނީ އޭސީސީން އެކަން ހުއްޓާލުމަށް އެންގުމާއި ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ