2005 ވަނަ އަހަރު، ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު، ރަފީގް ހަރީރީ އަވަހާރަކޮށްލުމުގައި ބައިވެރިކަމަށް ސާބިތުވެ، ހިޒްބުﷲގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ، ސާލިމް އަޔާޗެ، އުމުރަށް ޖަލަށްލާން، ޔޫއެންގެ އެހީތެރި ކަމާއެކު، ލުބުނާނުގައި އުފައްދާފައިވާ ޚާއްސަ ކޯޓުން ހުކުމް ކޮށްފިއެވެ.
ރަފީގް ހަރީރީއާއެކު، އިތުރު 21 މީހަކު މަރާލިކަމުގެ ތުހުމަތުގައި، އޭނާގެ ޢައިރު ހާޒިރުގައި ސާލިމް އަޔާޗޭގެ މައްޗަށް ހުކުމް ކޮށްފައިވަނީ، އުމުރު ދުވަހުގެ 5 ހުކުމް ތަންފީޒު ކުރަން ޖެހޭގޮތަށެވެ.
"ހިޒްބުﷲ ޖަމާއަތުގެ އިސް އެކްޓިވިސް ވަނީ، ހަރީރީ މަރާލުމުގައި، އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވާ، މަރު ޓީމުގެ، މުހިންމު އަދި އެހާމެ އިސް ދައުރެއް އަދާކޮށްފަ،" ކޯޓުން ބުނެފައި ވެއެވެ.
2005 ވަނަ އަހަރު، ހަރީރީ އަވަހާރަ ކޮށްލެވުނީ ވެރިރަށް ބެއިރޫތުގައި ދެވުނު ވަރުގަދަ ކާރު ބޮމުގެ ހަމަލާއެއްގައެވެ. މިހަމަލާއާ ގުޅިގެން، ލުބުނާނުގައި ވަރުގަދަ މުޒާހިރާތަކެއް ކުރެވުނުވެ. އަދި ބައިނަލްއަގުވާމީ މުޖުތަމަޢުގެ ޕްރެޝަރާއެކު، ލުބުނާނުުގެ އަހުލީ ހަގުރާމާއަށްފަހު، ސީރިޔާގެ ސިފައިން ގޯލާންގެ އުސްބިންތަކުގައި ތިބޭތާ 30 އަހަރަށްފަހު، ލުބުނާނުގެ ބިންތަކުން ފައިބަން މަޖުބޫރު ވިއެވެ.
2005 ވަނަ އަހަރުގެ ވެލަންޓައިންސް ދުވަހު ހަރީރީ އަވަހާރަ ކޮށްލެވުނު އިރު، އޭނާ ގެންދެވީ، ލުބުނާނުގައި އޮތް ސީރިޔާގެ ސިޔާސީ ނުފޫޒު ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.
ހިޒްބުﷲ ޖަމާއަތަކީ ލުބުނާނުގައި އޮތް، ސީރިޔާގެ އެންމެ ގާތް ބައިވެރިޔާއެވެ.
ހިޒްބުﷲ ޖަމާއަތުގެ އިސް އެކްޓިވިސްޓ ސާލިމް އަޔާޗޭގެ މައްޗަށް ސާބިތު ވެފައިވަނީ، "ޓެރަރިޒަމްގެ އަމަލެއް ރާވާ ހިންގުމާއި"، "ގޮވާތަކެތި ބޭނުން ކޮށްގެން، ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި"، ގޮވާތަކެތި ބޭނުން ކޮށްގެން "ގަސްތުގައި މީހަކު މަރާލުމުގެ" ތުހުމަތު ތަކެވެ.
އަދީ މީގެ އިތުރުން، ހަަރީރީ މަރާލުމަށް ދެވުނު ހަމަލާގައި މަރުވި އިތުރު 21 މީހުން "ގަސްތުގައި މަލާރުމުގެ" ތުހުމަތުގެ އިތުރުން، 226 މީހަކު ގަސްތުގައި މަރާލުމަށް މަސައްކަތް ކޮށްފައިވާ ކަމުގެ ދައުވާވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
ސާލިމް އަޔާޗޭ މިހާތަނަށް ހައްޔަރު ކުރެވިފައެއް ނުވެއެވެ. ބެލޭވޭ ގޮތުގައި އާނާ ހުރީ ހިޒްބުﷲ ޖަމާއަތުގެ ފުރިހަމަ ރައްކާތެރި ކަމުގައެވެ. ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ވިދާޅުވެފައިވަނީ، ސާލިމް އަޔާޗޭއާއެކު ޝަރީއަތް ކުރެވުނު ހިޒްބުﷲގެ އިތުރު 3 އެކްޓިވިސްޓުންނަކީވެސް، އެޖަމާއަތުން ކުރަމުންގެންދާ ޖިހާދުގެ ފަޚުރުވެރި ބައިވެރިން ކަމުގައެވެ. ސާލިމް އަޔާޗޭގެއާއެކު ޝަރީއަތްކުރެވުނު އަނެއް 3 މީހުންގެ މައްޗަށް ކުށް ސާބިތު ވެފައެއް ނުވެއެވެ.
ރަފީގު ހަރީރީގެ މަރުގެ މައްސަލަ ބެލުމަށް އުފެއްދުނު ޚާއްސަ ކޯޓުންވަނީ 2011 ވަނަ އަހަރު، ސާލިމް އަޔާޗޭ ހައްޔަރު ކުރުމުގެ ޚާއްސަ އަމުރެއް ނެރެފައެވެ.
"އޭނާ އަދާލަތުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ހުރަސްއަޅާ، އަދި އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކުން، އެނާ މިކޯޓާ ހަވާލުކުރަން ޖެހޭނެ،" ޝަރީއަތް ނިންމާލަމުން، ޝައީއަތް ކުރިޔަށް ގެންދިޔަ ފަޑިޔާރު، ޑޭވިޑް ލީ ވިދާޅުވެފައި ވެއެވެ.
މިކޯޓުންވަނީ، ހަރީރީގެ މަރާލުމަށް ދެވުނު ހަމަލާގައި މަރުވެދިޔަ މީހުންނަށާއި އަދި އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ދިނުމަށްވެސް، ލުބުނާނުގެ ސަރުކާރަށް ގޮވާލާފައެވެ.
ލުބުނާން ބަޑުވަޒީރުކަމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ، ރަފީގް ހަރީރީގެ ދަރިފުޅު، ސާދު ހަރީރީ އަދި މިހާތަނަށް އައިއިރު، ކޯޓުގެ މިހުކުމާ ގުޅިގެން މީޑިއާތަކަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ސާދު ހަރީރީ މިހާތަނަށް ވަނީ، މީގެކުރިން ހިޒްބުﷲ ޖަމާއަތާއެކު އުފެއްދުނު 3 ކޯލިޝަން ސަރުކާރެއްގައި ބައިވެރިވެފައެވެ. އަދި މިހާރު ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވަނީ، އާނާ އިސްވެ ހުންނަވައިގެން އުފައްދާ 4 ވަނަ ސަރުކާރު އެކުލަވާލުމަށެވެ. މިސަރުކާރުގެ ކެބިނެޓުގައިވެސް، ހިޒުބުﷲ ޖަމާއަތުގެ މިނިސްޓަރުން ތިއްބަވާގޮތަށް ވަނީ ހަމަޖެހިފައެވެ.