ސިޓްރިޒަންގެ ދިޔާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

ސިޓްރިޒަންގެ ދިޔާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ނޮވެމްބަރ 2023 08:24
0

ކެއްސުމާއި، ހުމާއި ރޯގާއަށްދޭ ދިޔާ ބޭހެއް ކަމަށްވާ ސިޓްރިޒަން ހުރިހާ ބެޗަކުން ކެމިކަލްގެ މާއްދާތަކެއް ފެނިފައިވާތީ އެ ބޭސް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިމަހުގެ ހަތްވަނަ ދުވަހު ނެރުނު އެލާޓެއްގައި ބުނެފައިވަނީ މިދިޔަ އަހަރުން ފެށިގެން ބޭނުންކުރާ މި ބޭހުގައި ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރި އެލާޓާ ގުޅިގެން ރާއްޖެއިން ވެސް ރެންޑަމް ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ މާކެޓުން މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް ނަގައި ސްކްރީން ކުރިއިރު ސިޓްރިޒަމް ސިރަޕް (ބެޗް 220)ގައި ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ޔަގީންކުރެވިފައިވާ ކަމަށްވެސް އެ އެލާޓްގައިވެއެވެ.

ރާއްޖޭގައި މިކަމާ ގުޅޭ ޓެސްޓް ހެދެން ނެތުމުން އެމްއެފްޑީއޭ އިން ޓެސްޓް ހެދީ ރާއްޖެ އިން ނެގި ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވައިގެންނެވެ.

ރާއްޖެއިން ބޭރުން ހެދި އިތުރު ޓެސްޓްތަކަށްފަހު އެމްއެފްޑީއޭ އިން މިއަދު ނެރުނު އެލާޓްގައި ވަނީ މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.