ރާއްޖޭގެ މައި އެއަރޕޯޓުގެ މިހާރު ހަވާލު ކުރެވިފައި ހުރި މަސައްކަތްތަކުގެ ތެރެއިން ނިމުނީ %54 މަސައްކަތް ކަމަށާއި، ބޭނުންވަނީ މަސައްކަތް އަވަސްކޮށް، މިހާރު ހަވާލު ކުރެވިފައިވާ މަސައްކަތްތައް އަންނަ އަހަރުގެ އޮކްޓޯބަރުހަމަށް ނިންމަންކަމުގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ވީއައިއޭ ޓާމިނަލްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ފަހު، އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ވީއައިއޭ ޓާމިނަލްގެ މަސައްކަތް ވެގެންދާނީ އެންމެ އިސްކަން ދޭނެ މަޝްރޫއަށް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއު އަވަސްކޮށް ނިންމުން އެއީ އަޅުގަނޑުމެން ސަރުކާރުގައި އެންމެ އިސްކަން ދޭނެ އިގްތިސާދީ މަސައްކަތަކަށް ވާނީ. އެހެންވެ، ބަލާލަން މި ތަނަށް މިއައީ.
– ޑރ. މުއިއްޒު ވިދާޅުވިއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ 2024 ގެ އޮކްޓޯބަރު މަހަށްދާ އިރު، އެ މަސައްކަތް ނިންމުމަށެވެ. އެއީ އަށެއްކަ މަސް ދުވަހުގެ އަވަސް މުއްދަތެއްކަންވެސް މުއިއްޒު ފަހަގަ ކުރެއްވިއެވެ.
އަޅުގަނޑަށް އެނގޭ މައުލޫމާތަކީ މި ކުރެވޭ މަސައްކަތުގެ ތެރެއިން ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފައި އޮތް މަސައްކަތް، އެބޭފުޅުންގެ ސްކޯޕްގެ ގާތްގަނޑަކަށް %54 ނިމިފައިވާ ކަމަށް އެބޭފުޅުން ވިދާޅުވޭ، ދެން އޭގެ ނިޝާންތައް ފެނޭ. އެބޭފުޅުންގެ ސްކޯޕްގައި މަޝްރޫއު ނިންމަން އެބައޮތް 2025 ގެ މެދަކާ ހިސާބުގައި.
ޓާމިނަލްގެ މަސައްކަތުގެ ސްޕީޑް މިހާރަށްވުރެ ބޮޑަށް އަވަސްކުރުމަށް ބޭނުންވާކަމަށް ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒި އިތުރަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ލާދިން ގްރޫޕްގެ ސްކޯޕްގައި ނުހިމެނޭ މަސައްކަތްތައް ވެސް އެބަހުރި ކަމަށެވެ. އަދި ތަން ބޭނުން ކުރުމަށްޓަކައި އެ މަސައްކަތްތައް ވެސް ނިންމަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މުއިއްޒު ފާހަގަ ކުރެއްވި ދެ މަސައްކަތުގެ ތެރެއިން އެއް މަސައްކަތަކީ މަގު ހެދުމެވެ. މަގު ހަދަން ދިހަ ވަރަކަށް މަސް ދުވަސް ހޭދަވާ އިރު، މިހާރުން މިހާރަށް އެކަން ބަޔަކާ ހަވާލުކޮށްގެން ނޫނީ އެއާޕޯޓު ޓާމިނަލް ނިމެންވާ އިރަށް މަގު ހަދާ ނުނިމޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން އޭޕްރަން ބޮޑު ކުރަން ޖެހޭ ކަމަށާއި ޓޫރިސްޓު އެރައިވަލް އޭރިއާ ނިންމަން ވެސް ބަޔަކާ ހަވާލު ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޖެޓް ޓާމިނަލް އަކާއި އެއާޕޯޓް ޕާކިން ވެސް އެކަށީގެންވާ ހައްލެއް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޕެރަލަލްކޮށް މަސައްކަތް ކުރުމާއި އަދި މިކަމަށް ފަންޑިން އަށް ބޭނުންވާ ނަމަ އެކަން ވެސް ހަމަޖެހޭނެ.
– މުއިއްޒު ވިދާޅުވިއެވެ.
އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތަކީ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ މަސައްކަތެކެވެ. "ފިނިހަކަ" ދުވެލީގައި ހިންގަމުން އަންނަ އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ނިންމައިފައެވެ.
އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން މި އެހީ ދިނުމަށް ނިންމީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަބޫ ދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ މަޝްރޫއު ނިންމަން ސައުދީ އަރަބިއްޔާ އިން ވެސް ވަނީ 100 މިލިއަން ޑޮލަރު ދޭން ނިންމައިފައެވެ.
ކޮމެންޓު ފޮނުވާ