އިންތިޚާބީ ރައީސް ޑރ. މުއިއްޒު އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން، ފޮޓޯ: ޚަބަރު އޮންލައިން

ޚާރިޖީ ސިޔާސަތު ބައްޓަން ކުރާގޮތުން ފަންޑު ހޯދުމަށް އެއްވެސް ދައްޗެއްނެތް: ޑރ. މުއިއްޒު

ޚާރިޖީ ސިޔާސަތު ބައްޓަން ކުރާގޮތުން ފަންޑު ހޯދުމަށް އެއްވެސް ދައްޗެއްނެތް: ޑރ. މުއިއްޒު

ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާ ގޮތުން ފަންޑު ހޯދުމަކީ އެއްވެސް ދައްޗެއް އޮތް ކަމެއް ނޫންކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވީއައިއޭ ޓާމިނަލްގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ފަހު، އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ވީއައިއޭ ޓާމިނަލްގެ މަސައްކަތް ވެގެންދާނީ އެންމެ އިސްކަން ދޭނެ މަޝްރޫއަށް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއު އަވަސްކޮށް ނިންމުން އެއީ އަޅުގަނޑުމެން ސަރުކާރުގައި އެންމެ އިސްކަން ދޭނެ އިގްތިސާދީ މަސައްކަތަކަށް ވާނީ. އެހެންވެ، ބަލާލަން މި ތަނަށް މިއައީ.

– ޑރ. މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުއިއްޒު އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުން، ފޮޓޯ: ޚަބަރު އޮންލައިން

ޑރ. މުއިއްޒު ވިދާޅުވީ މިފަހުން އަބޫދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން 80 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނީ ސީދާ އެ މަނިކުފާނު ހުށަހަޅުއްވައިގެން ކަމަށެވެ. އެއީ އެ ބައްދަލުވުމުގައި ހުށަހެޅި ނިމުނު ކަމެއް ކަމަށާއި އޭގެ ކުރިން އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ ކުރިން ސައުދީ ފަންޑުން ވެސް 100 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެއާޕޯޓުގައި އިތުރަށް ކުރަން ޖެހޭ މަސައްކަތްތަކަށް އަނެއްކާވެސް ފައިސާ ހޯދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑަށް ޔަގީން ކަން އެބައޮތް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާ ގޮތަށް ކުރިޔަށް ގެންދާއިރު [ފަންޑު ހޯދުމަކީ] އެއީކީ މާ ބޮޑު ކަމަކަށް ނުވާނެ. އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ނެތް މި މަޝްރޫއު ނިންމުމަށްޓަކައި ފައިސާ ހަމަޖެއްސުމަށް.

– ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި އެމަނިކުފާނު ބޭނުންފުޅު ވަނީ 2024 ގެ އޮކްޓޯބަރު މަހަށްދާ އިރު، އެ މަސައްކަތް ނިންމުމަށެވެ. އެއީ އަށެއްކަ މަސް ދުވަހުގެ އަވަސް މުއްދަތެކެވެ.

މުއިއްޒު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ލާދިން ގްރޫޕްގެ ސްކޯޕްގައި ނުހިމެނޭ މަސައްކަތްތައް ވެސް އެބަހުރި ކަމަށެވެ. އަދި ތަން ބޭނުން ކުރުމަށްޓަކައި އެ މަސައްކަތްތައް ވެސް ނިންމަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މުއިއްޒު ފާހަގަ ކުރެއްވި ދެ މަސައްކަތުގެ ތެރެއިން އެއް މަސައްކަތަކީ މަގު ހެދުމެވެ. މަގު ހަދަން ދިހަ ވަރަކަށް މަސް ދުވަސް ހޭދަވާ އިރު، މިހާރުން މިހާރަށް އެކަން ބަޔަކާ ހަވާލުކޮށްގެން ނޫނީ އެއާޕޯޓު ޓާމިނަލް ނިމެންވާ އިރަށް މަގު ހަދާ ނުނިމޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން އޭޕްރަން ބޮޑު ކުރަން ޖެހޭ ކަމަށާއި ޓޫރިސްޓު އެރައިވަލް އޭރިއާ ނިންމަން ވެސް ބަޔަކާ ހަވާލު ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޖެޓް ޓާމިނަލް އަކާއި އެއާޕޯޓް ޕާކިން ވެސް އެކަށީގެންވާ ހައްލެއް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޕެރަލަލްކޮށް މަސައްކަތް ކުރުމާއި އަދި މިކަމަށް ފަންޑިން އަށް ބޭނުންވާ ނަމަ އެކަން ވެސް ހަމަޖެހޭނެ.

– މުއިއްޒު ވިދާޅުވިއެވެ.

އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތަކީ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ މަސައްކަތެކެވެ. "ފިނިހަކަ" ދުވެލީގައި ހިންގަމުން އަންނަ އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ނިންމައިފައެވެ.

އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން މި އެހީ ދިނުމަށް ނިންމީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަބޫ ދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެ މަޝްރޫއު ނިންމަން ސައުދީ އަރަބިއްޔާ އިން ވެސް ވަނީ 100 މިލިއަން ޑޮލަރު ދޭން ނިންމައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ހޮލިމުއީޒު މުންޖޭކިޔާ މިހިނގާ ސަރުކާރުން އެރަށް ދަތުރު ތަކެއްކޮށްގެން ޑުބާއީން 80 މިލިޔަން ހަމަޖެހުން އެއްދުވަހުގެ ދަތުރަކުން ފައިސާއެއްނުހޯދޭނެ ވަރަށް ވަރަށް ސާފް

Leave a Reply

Your email address will not be published. Required fields are marked *