ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާ ފަށައިފިއެވެ.
ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުންދަނީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. މަޖިލީހުގެ ނައިބް ރައީސް އީވާ މިއަދުވެސް ހުންނެވީ ސަލާމުގައެވެ. ޖަލްސާ ފެށިގެން ކުރިއަށްދާއިރު، ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެމްބަރުން ގެންދަނީ ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވައި ދުންމާރިފުރެ، އިހުތިޖާޖު ކުރައްވަމުންނެވެ.
ޑިމޮކްރެޓްސްގެ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވައި ދައްކަވާ ވާހަތަކާއި ގުޅިގެން ޚިޔާލް ތަފާތުވެ އެމްޑީޕީ މެމްބަރުން ދަނީ ބަހުގެ ހޫނު ހަމަލާތައް ދެއްވަމުންނެވެ.
ރައްޔިތުން މަޖލީހުގެ ރައީސް މަޤާމުން ވަކިކުރަން ހުށައަޅާފައިވާ ޤަރާރުގެ މައްސަލަ ކުރިޔަށްދާ ޖަލްސާގައި ރިޔާސަތު މަޖިލީހުގެ ނައިބް ރައީސް ނޫން މެމްބަރުންނަށް ވެސް ބެލެހެއްޓޭނެކަމަށް ސުޕްރީމްކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމުގައި ވަނީ ބުނެފައެވެ.
އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގައެވެ. އެ މައްސަލައިގައި ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސް ފޮނުވުމަށް ފަހު އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހު 26 ގައެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމްގައި ހުންނެވުމުން އެ މައްސަލަ ވަނީ ކުރިއަކަށް ނުގެންދެވިއެވެ. އެއަށްފަހު އެމްޑީޕީން މަޖިލީހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެންމެ ފަހުން އެޖެންޑާކުރި ޖަލްސާއަށްވެސް އިވާ ވަޑައިގެންފައެއް ނުވެއެވެ. އެއާއެކު މިހާތަނަށްވެސް ނަޝީދުގެ މައްސަލަ ތާވަލުނުކުރެވި، މަޖިލީސް އޮތީ ހުއްޓިފައެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމްކޯޓު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑާއިގަންނެވީ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.