މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި އިއުލާން ކޮށްފައިވާ 4،000 ފްލެޓްގެ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތަށް އެއްދުވަސް އިތުރު ކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން 4،000 ފްލެޓްގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 4:00 ކަމަށެވެ.
މީގެ ކުރިން މި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައި އޮތީ މިއަދު ހަވީރު 4:00 އާއި ހަމައަށެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ އެކަމަށް ގިނަބަޔަލު އެދެމުން ދާތީ ކަމުގައެވެ.
ސަރުކާރުގެ ގެދޮރިވެރިޔާ ސްކީމުން ފުރަތަމަ ބުރުގައި ދޫކުރި 4،000 ފްލެޓް ލިސްޓު އާންމުކުރިއިރު، ފްލެޓް ދުކޮށްފައިވަނީ އިންސާފުން ނޫންކަމަށްބުނެ ޝަކުވާތަކާއެކު ގިނަ ބަޔަކު ވަނީ އޭސީސީއަށް ޕެޓިޝަންވެސް ހުށަހަޅާފައެވެ.
އެފަރާތްތަކުން ބުނެފައިވަނީ ފްލެޓް ދިނުމުގައި ޕޮއިންޓް ދިފައިވަނީ އޮޅުވާލައިގެން ކަމަށާއި، ހައްގުވާ އެތައް ބަޔަކަށް ފްލެޓް ލިބިފައި ނުވާކަމުގައެވެ.
މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި ގެދޮރުވެރިޔާ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ބޭއިންސާފުން ވަކި ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ބުނެ، އާންމުންގެ ގިނަ ބަޔަކު ދަނީ އެކަމާ މެދުގައި ހިތްހަމަނުޖެހުން ފާޅުކޮށް އެ މައްސަލަތައް ބަލަން ގޮވާލަމުންނެވެ. ވަކި ބަޔަކަށް ފްލެޓް ދޭން މަސައްކަތްކޮށްފައިވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރާ އެކު، ފްލެޓު ދިނުން މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުންވެސް ވަނީ އެދިފައެވެ.
އަދި އޭސީސީންވެސް ވަނީ 4،000 ފެލެޓް ހަވާލުކުރުން މަޑުޖައްސާލުމަށް ހައުންސިން މިނިސްޓްރީއަށް އަންގާ، ފްލެޓް ދިންގޮތް ތަހުގީގު ކުރުމަށް އެ މިނިސްޓްރިއަށް ވަދެފައެވެ.
މިމައްސަލްއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއްޔެ ވިދާޅުވީ، މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އިހުމާލްވެފައި ނުވާނެ ކަމަށާއި ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމުގައެވެ.
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވިދާޅުވީ މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީ އަށް ވަޑައިގެންނެވި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމުން ވެސް ހުރިހާ އެއްޗެއް ބެއްލެވި ކަމަށެވެ. އަދި އެ ބޭފުޅުންނަށް ނުދައްކާ އެއްޗެއް ނޯންނާނެ ކަމަށާއި އެ ޓީމު ވަޑައިގަތީ ހިތްހަމަޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނުދައްކާ އެއްޗެއް ނޯންނާނެ. ހުރިހާ އެއްޗެއް ބެއްލެވި. އަޅުގަނޑަކަށް ހިއެއް ނުވޭ މީގައި އަޅުގަނޑުމެން ބިރުގަންނަން ޖެހޭ ކަމެއް އޮތް ހެނެއް. އިހުމާލުވެފައެއް (ނުވާނެ)." އަކްރަމް ވިދާޅުވިއެވެ.
ފިޔަވަޅު އެޅޭނެ ކަމެއް އޮންނާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަކްރަމް ވިދާޅުވީ ފިޔަވަޅު އެޅޭނެ ކަމެއް ނޯންނާނެ ކަމަށާއި ފިޔަވަޅު ނުވެސް އެޅޭނެ ކަމަށެވެ.
ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، މި ސަރުކާރުން ދޭ ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައެޅި އިރު، ފްލެޓް ދެނީ ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.