މާލެއަށް ހިޖުރަ ކުރާ ރާއްޖެތެރޭ މީހުންނަށް މާލޭގައި އުޅެން ހަމަ ދަސްކޮށްދޭން ޖެހޭކަމަށް ކުރީގެ މިނިސްޓަރ އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.
އާދިލް މިހެން ވިދާޅުވީ ހަމަޔާއި އިންސާފުން ބޭރުން 4،000 ފްލެޓް ދިން މައްސަލާގައި އެކަމުގެ ކަންބޮޑުވުމާއި ދަތި ހާލަތުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބަޔަކު ހައުސިން މިނިސްޓްރީ ދޮށަށް އެއްވެ ފާޅުކުރި ޝުއޫރުތަކާއި ގުޅިގެން އެކަމަށް ފާޑު ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ.
އާދިލް ސަލީމް ވިދާޅުވީ މާލެއަށް ހިޖުރަކުރާ މީހުންނަށް މާލޭގައި ދިރިއުޅޭނެ ހަމަތައް ދަސްކޮށް ދޭންޖެހޭ ކަމަށެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކުގައި މުއާމަލާތް ކުރަންޖެހޭ ގޮތާއި، މަގުމަތީގައި އުޅެންޖެހޭ ގޮތް ދަސްކޮށްދޭންޖެހޭ ކަމަށް ވިދާޅުވެ އާދިލް ވަނީ އެއްވި މީހުންނަށް މަލާމާތްކޮށްފައެވެ.
މާލެއަށް ހިޖުރަކުރާ މީހުންނަށް މާލޭގައި އުޅެން ހަމަ ދަސްކޮށްދޭން ޖެހޭ. ސަރުކާރު އޮފީސްތަކަށް ވަދެ ނުރުހުން ފާޅުކުރަންވެސް ދަސްކޮށްދޭންޖެހޭ. މިކަމުގައި ޕަބްލިކް މީޑިއާގެ ދައުރު ވަރަށްވެސް ބޮޑު ކަމަށް ފާހަގަ ކުރަން.
– އާދިލް ސަލީމް ވިދާޅުވިއެވެ.
އަދިލް ސަލީމަކީ މީގެ ކުރިންވެސް ތަކުރާރުކޮށް އަތޮޅު ތެރެއިން މާލެއަށް މީހުން ހިޖުރަ ކުރާތީ އެކަމާއި ހިތްހަމަ ނުޖެހި ގިނަ ބަޔަކަށް ފާޑު ވިދާޅުވަމުންދިޔަ ބޭފުޅެކެވެ. މިސަރުކާރުން ވެރިކަމުގެ އެންމެ ފަހު މުއްދަތުގައި ދިން 4،000 ފްލެޓްގެ މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ފްލެޓް ދިނުގައި ސަރުކާރުގެ އިސް މަޤާމުތަކާއި މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ޢާއިލާގެ ގިނަ ބަޔަކަށް ފްލެޓް ދިން މައްސަލަ ދަނީ ފެންމަތިވަމުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އާދިލް ސަލީމް ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރިއެވެ. އޭގެ ކުރިން ނަޝީދުގެ ވެރިކަމުގައި އޭނާ ފުރަތަމަ އައްޔަން ކުރީ އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރަން އެންމެ ބޮޑަށް ވަކާލާތު ކުރި އެކަކީ އާދިލް ސަލީމެވެ. އޭރު އޭނާ ހުރީ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރަން އިކޮނަމިކް މިނިސްޓްރީން ގަވައިދެއް ހަދައި އޭރު އާއްމު ކުރިއެވެ. ނަމަވެސް ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން ފަހުން އެނިންމުން އަނބުރާ ގެންދިޔައީއެވެ.
އާދިލް ސަލީމް މިހާރު އެއްވެސް ސިޔާސީ މަގާމެއް އަދައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިހާރު ދިރިއުޅެނީ ވެސް މާލެ އަތޮޅު މާފުށީގައެވެ.
ކޮމެންޓު ފޮނުވާ