މަދީނާ ޔުނިވާސިޓީން އިސްލާމީ ޝަރީއާ ޑިގްރީ ޙާސިލްކޮށްފައިވާ ދަރިވަރުންނަށް ވަކާލާތު ކުރުމުގެ ހުއްދަށް ދިނުމަށް ބާ ކައުންސިލުން ނިންމައިފިއެވެ.
މިދިޔަ އަހަރު ފާސްކުރި ޤާނޫނީ ފަންނުގެ ޤާނުނުން ވަކީލުން ރެގިއުލޭޓްކޮށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގެ ބާރު ދީފައިވަނީ ބާ ކައުންސިލަށެވެ. އެ ޤާނޫނުގައި ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ މީހުންނަށް އެކަނި ކަމުގައި ބަޔާންކުރާކަމަށް ބުނެ، އިސްލާމީ ޝަރީއާ ޑިގްރީ ކިޔަވާފައި ތިބޭ ފަރާތްތަކަށް ގާނޫނީ ވަކީލުކަމާއި ކޯޓުތަކުގެ ފަނޑިޔާރުކަން ކުރުމުގެ ހުއްދަ ނުދޭން ބާ ކައުންސިލުން ކުރިން ވަނީ ނިންމާފައެވެ.
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ، މަދީނާ ޔުނިވާސިޓީން އިސްލާމިކް ޝަރީއާ ކިޔެވި ދަރިވަރުންނަށް ވަކާލާތުކުރުމުގެ ހުއްދަ ދޭން، އެކައުންސިލްގެ ބައްދަލުވުމުން މިހާރު ނިންމާފައިވާކަމަށެވެ. ބާ ކައުންސިލްގެ ރައީސް ވިދާޅުވީ، ކުރިން ލިބިފައި ހުރި މައުލޫމާތުތަކުން، ގާނޫނީ ޑިގްރީއެއް ކަމަށް އެނގެން ނެތްކަމަށާއި، ނަމަވެސް އިތުރު ލިޔެކިއުންތައް ހުށައެޅުމަށް ދިން ފުރުޞަތުގައި އެ ދަރިވަރުން ކޯހާ ގުޅޭ އިތުރު މައުލޫމާތު ހުށަހެޅުމުން އެކަންކަމަށް ރިޔާއަތްކޮށް ހުއްދަ ދިނުމަށް މިހާރު ނިންމެވީކަމަށެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ޤާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމެވެ.
ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވާއިރު، އެއް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމް 283 ވަކީލަކު ފުރިހަމަކޮށްފައިވެއެވެ. އަދި އެތަމްރީންތައް ފުރިހމަކޮށް ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން އުފެދުނު ބާ ކައުންސިލުން ވަކާލާތުކުރުމުގެ ހުއްދަ ދިން ފުރަތަމަ ބެޗު ހުވާކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިން އެވެ. އޭގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެ އެވެ.
ގާނޫނީ ފަންނުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެ އެވެ.
ކޮމެންޓު ފޮނުވާ