ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރިއިރު، ޕޮއިންޓް ދީފައިވާ ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފިއެވެ.
ސަރުކާރުގެ ގެޒެޓްގައި ވަނީ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައެވެ. ލިސްޓް އާންމު ކުރީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓު ލިބޭ މީހުން ވަކިންނެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތިން ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށް ވެސް ހައުސިން މިނިސްޓްރީގެ އިއުލާންގައިވެއެވެ.
ސަރުކާރުގެ ގެދޮރިވެރިޔާގެ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ކޮށްފައިވަނީ މިސަރުކާ ނިމެން އެންމެ ހަފްތާއަކަށް ވެފައި ވަނިކޮށެވެ. އެހެންނަމަވެސް އިންތިގާލީ މަރުހަލާގައި، އޭސީސީންވެސް އަދި އިންތިޚާބީ ސަރުކާރުގެ އިންތިގާލީ ޓީމުންވެސް ވަނީ ސަރުކާރުން ބޮޑެތި ނިންމުންތައް ނުނިންމުމަށް އިލްތިމާސް ކޮށްފައެވެ.
އެހެންނަމަވެސް މި ހަފްތާގެ ހަފްތާ ބަންދުގައި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމާއެކު، ތޭރަހާހަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ އެ ލިސްޓުން ފްލެޓް ލިބޭގޮތް ނުވި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރު ފާޅުކުރަން ފަށާފައެވެ.
އެގޮތުން ފްލެޓް ލިސްޓު އާންމު ކުރުމަށް އަކްރަމް ކުރެއްވި ޓުވީޓަކަށް ރައްދު ދެމުން "އެކްސް" (ކުރީގެ ޓުވިޓަރ)ގައި މީހަކު ބުނެފައިވަނީ އޭނާއަކީ މީހަކާއި އިނދެގެން، ދެދަރިން ތިބި، އަމިއްލަ މިލްކިއްޔާތުގައި އެއްވެސް ތަނެއް ނުވަތަ ބިމެއްވެސް ނެތް މީހެއް ކަމުގައެވެ. އެހެންނަަމަވެސް އޭނާއަށް އެނގޭ، މީހަކާވެސް ނީނދެތިބި، ދަރިންވެސް ނެތް މީހުންނަށް 76 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އެއީ ބޭއިންސާފުކަމަށް ބުނަމުން އޭނާވަނީ އޭގެ ސަބަބު އެނގެން ބޭނުންވާކަމަށްވެސް ބުނެފައެވެ.
އޭނާއަށް ޖަވާބު ދެމުން އަކްރަމް "އެކްސް"ގައި ވިދާޅުވެފައިވަނީ، ޕޮއިންޓް ދީފައިވަނީ ފޯމުގައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށާއި، އަދި ފްލެޓް ބަހާފައިވަނީ އިންސާފުން ކަމުގައެވެ. އަދި އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
.@Akramkdeen – it is indeed disappointing to find out that I only got 41 points in your very "just" selection of the 4,000 people who will get the flats you have constructed.
I am married with 2 kids and I do not own any property or land and there are people in the list who I…— キ尺乇乇 ㄎԾЦレ 🇲🇻 (@MunnimSaeed) November 4, 2023
ފްލެޓް ބެހިގޮތް ދިފާއުކޮށް އަކްރަމް ދެއްކެވި ވާހަކަތަކަށް ރައްދު ދެމުން އިތުރު މީހަކު ބުނެފައިވަނީ، އޭނާ މާލޭގައި ދިރިއިޅެމުންދާ 20 އަހަރު ވެއްޖެ ކަމަށާއި، އެހެންނަމަވެސް އޭނާއަށް ލިބުނީ އެންމެ 30 ޕޮއިންޓް ކަމަށެވެ. އަދި އޭނާ ބުނެފައިވާ ގޮތުގައި، މާލޭގައި އަހަރަކަށްވުރެ ކުރު މުއްދަތަކަށް އުޅެފައިވާ، އަދި މާލޭގައި ނުވެސް އުޅޭ މީހުންނަށް 90 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ކަމުގައެވެ.
I have been living in Male for more than 20 years. I got only 30 points. But I know people who have loved less than a year in Male' also people who do not live in Male' or have a job here have got 90+ points and got flat. Bydaway I have presented all info that’s required.
— aafi (@aafi) November 4, 2023
4،000 ފެލެޓް ދިންގޮތާއި ގުޅޭގޮތުން ގިނަ ބައެއްގެ ޝަކުވާތައް ކުރަމުންދަނީ، ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރިއިރު، ފެލެޓް ލިބޭ މީހުންނަށް ޕޮއިޓް ދިނީ ކޮންގޮތަކުންކަން ސާފުވާންވެސް ނެތުމުންނެވެ. އެގޮތުން ގިނަ ދަރިންތިބި، އަދި އުޅޭނެ އެހެން ގޮތެއް ނެތް މީހުންނަށް މަދުން ޕޮއިޓް ލިބިފައިހުރިއިރު، މީހުންނާ ނީނދެ ތިބި ޒުވާނުންނަށްވެސް މަތިން ޕޮއިންޓް ލިބިގެން ފްލެޓްތައް ލިބިފައި ހުއްޓެވެ.
ހަމަ އެއާއެކު، އެޕްލިކޭޝަންތައް ލީ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން ކަމާއި ގުޅުންހުރި މުވައްސަސާތަކުން ގެތަކަށް ގޮސް، ހުށަހަޅާފައިހުރި މައުލޫމާތުގެ ސައްހަކަން ކަށަވަރު ކޮށްފައެއްވެސް ނުވެއެވެ.
އެގޮތުން ގިނަ ބަޔަކު ތުހުމަތު ކުރަމުންދަނީ، ސަރުކާރުގެ އިސްވެރިން ބޭނުންވާ ބަޔަކަށް ފެލެޓް ދިނުމަށްޓަކާ، ޕޮއިންޓު ދިނުމުގައި އޮޅުވާލައިގެން ފެލެޓްތައް ބަހާފައިވާ ކަމުގައެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓާއި ގުޅޭގޮތުން ނުރުހުން ފާޅުކުރަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ސައުދު ވިދާޅުވެފައިވަނީ ނެރުނު ފެލެޓް ލިސްޓަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ އަކުރަމްއާއި މިނިސްޓަރު އަސްލަމް ނުފޫޒުގެ ބޭނުންކޮށް، ކަޅުފައިސާގަ ޖެހިގެން ވަކި ބަޔަކަށް ފްލެޓް ބަހާފަ އިން ލިސްޓެއް ކަމުގައެވެ. އެގޮތުން ޕޮއިންޓް ދޭ އުސޫލު ނެތި، ޕޮއިންޓް ދިނީ ކިހިނަކުންތޯ ސުވާލު އުފެދޭކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. އަދި އޭނާވަނީ އެކަން ތަހުގީގު ކުރުމަށްވެސް ގޮވާލައްވާގައެވެ.
@ACC_Maldives minerun flate list akee @Akramkdeen adhi minister aslam seedhaa nufooz aa kalhu faisaa jehigen vaki baykah flate bahaafa in listeh.point dhey usool nethi point dhineee kihinakun tho suvaal ufehdhey.mikan thahugeeg kurumah govaalan.mee bodu jareemaa eh.@ibusolih
— Saudulla Ahmed (@saudullaahmed1) November 4, 2023
ލިސްޓުގައި އިންސާފެއް ނެތް!
މި ސަރުކާރުން، ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކޮށްފައި ހުރިއިރު، ޕޮއިންޓް ދީފައިވަނީ ކުރިން އާންމު ކޮށްފައިވާ އުސޫލުތަކަކަށް ބިނާކޮށް ކަމަށްވީނަމަވެސް، ގިނަ މީހުންގެ ޝަކުވާތައް ގުޅިފައި ހުރީ، އެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ޕޮއިންޓް ބަހާފައި ހުރި ގޮތާއި ގުޅޭގޮތުންނެވެ.
އަދި މި ޝަކުވާތަކާއި ގުޅިގެން އެތައް ބަޔަކު ޝުއޫރު ފާޅުކުރަމުންދާއިރު، މި ޝަކުވާތަކުގެ ފަހަތުގައި ހުރީ ހަގީގަތްކަން ސާފުވާން އޮތީ، އެތައް ދަރިންނެއް ތިބި، އަދި އިދިރިއުޅޭނެ ފަދައެއްވެސް ނެތް އެތައް ބަޔަކަށް ދަށުން ޕޮއިންޓް ލިބިފައިވާއިރު، ދަރިންވެސް ނެތް، މައިންބަފައިންނާ އެކީ ދިއިރުއުޅެމުންދާ ޒުވާނުންނަސްވެސް 4،000 ފްލެޓްގެ ތެރެއިން ފްލެޓް ޔަގީން ކުރެވިގެން ގޮސްފައިވާތީއެވެ.
އަދި މިއީ ފްލެޓް ދިނުމުގައި އިސްކޮށްތިބި ވެރީން ޖަވާބު ދާރީވާންޖެހޭ، ބޮޑު ބޭއިންސާފެއްގެ ގޮތުގައި އެތައް ބަޔަކު ސިފަކުރަމުންދާއިރު، އޭގެ ޖަވާބެއްގެ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެ، ފަރުޖައްސާލުމުގެ ފުރުސަތު އޮވެގެންވާނެ ކަމަށްވެސް ބެލެވޭކަށް ނެތެވެ. އޭގެ ބަދަލުގައި މިމައްސަލަތައް ދައުލަތުގެ މުވައްސަސާތަކުން ތަހުގީގު ކުރަން ޖެހެއެވެ.
އަދި އަންނަ ސަރުކާރުން މި ބޮޑު ބޭއިންސާފުގެ އެންމެ ފުނަށް ފީނާ، އިންސާފު ގާއިމްކޮށް ދިނުމަކީވެސް އަންނަ ސަރުކާރުގެ މައްޗަށް އޮތް ވަރަށްބޮޑު ޒިންމާއެއްކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ކޮމެންޓު ފޮނުވާ