ޕެނަލްޓީގައި ސިފައިން ބަލިކޮށް ފުލުހުން ސެމީއަށް

ޕެނަލްޓީގައި ސިފައިން ބަލިކޮށް ފުލުހުން ސެމީއަށް

ޕެނަލްޓީގައި އެމްއެންޑީއެފް ބަލިކޮށް ކޭސީޕީ ސެމީއަށް ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓަރ އޮފީސް ނުވަވަނަ ފުޓްސަލް މުބާރާތުގައި ޕެނަލްޓީން އެމްއެންޑީއެފް ބަލިކޮށް ސެމީ ފައިނަލުގެ ދެވަނަ ޖާގަ ފުލުހުން ހޯދައިފިއެވެ.

ސެމީ ފައިނަލުގެ ދެވަނަ ޖާގަ ކުލަބް ކޭސީޕީން ހޯދީ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި އެމްއެންޑީއެފާއި ވާދަކޮށް ޕެނަލްޓީން ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ 4-4 އިންނެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އެމްއެންޑީއެފުންނެވެ. މެޗުގެ ތިންވަނަ މިނެޓުގައި ފެނިގެންދިޔަ މި ލަނޑަކީ ޕޮލިހުގެ އަހުމަދު ޝަރުވާން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން އެމްއެންޑީއެފުން ލީޑު ފުޅާކުރިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ހާފިޒެވެ. މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ޕޮލިހުގެ ހަސަން މޫސާ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑަށްފަހު ޕޮލިހަށް ހަމަނޭވާ ނުލެވެނީސް އެމްއެންޑީއެފްގެ ހުސެއިން ހާފިޒް ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެ ލަނޑުގެ ތަފާތެއްގައި ވަނިކޮށް ޕޮލިހުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާ ނަތީޖާ 3-3 އަށް ބަދަލުކޮށްފައެވެ. އަހްމަދު ގާސިމް ދެވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، ޕޮލިހުގެ ތިންވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއެއްގައި އަހްމަދު ހުޝާމް ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި އެމްއެންޑީއެފްގެ ތައުމީން ނޫހް ވަނީ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މިއީ މުބާރާތުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ. އަދި ޕޮލިހުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ގާސިމެވެ. ޕެނަލްޓީން ކޭސީޕީ ކުރިހޯދިއިރު ، ކޮންމެ ޓީމަކުން ވަނީ ހަ ޕެނަލްޓީ ޖަހާފައެވެ.

އެމްއެންޑީއެފުން ހަތަރު ޕެނަލްޓީ ނާކާމިޔާބުވިއިރު ޕޮލިހުގެ ތިން ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ސެމީގެ ދެވަނަ މެޗުގައި ކުލަބް ކޭސީޕީ ބައްދަލުކުރާނީ މިރޭ ކުޅޭ ކުއާޓާގެ ފަހު މެޗުގައި ކޭޕީއާރުސީ އުރީދޫ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިރޭ ކުޅޭ ކުއާޓާ ފައިނަލުގެ ފަހު ދެ މެޗުވެސް ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސެމީގެ ދެ މެޗާއި ފައިނަލްެ މެޗުވެސް ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ. މުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކާނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންލަދަލިޔާ ބުކްޝޮކް އަދި ސީންއެވެ. ޒިގްޒެގް ކުލަބަކީ ކުޅުދުއްފުށި ސިޓީގައި ކުޅިވަރު މުބާރާތްތަކާއި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ޒުވާން ޓީމެއް އެކުލެވޭ ކުލަބެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *