ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދެވިނަމަވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގ ސީދާ ޢަދަދު އަދިވެސް ނޭނގޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ ޕީއެންސީގެ ލީޑާރޝިޕްގެ ބޭފުޅުން މިއަދު އައްޑޫ ސިޓިއަށް ފުރާވަޑައިގަތުމުގެ ކުރިން އެއަރޕޯޓުގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން އެބަތިބިކަމަށެވެ. އެގޮތުން އައްޑޫ ސިޓިއަކީ އެއް ސަރަހައްދުކަމަށާއި، ނަމަވެސް ރާއްޖޭގައި ޤާއިމްވެތިބި އިންޑިއާ ސިފައިންގެ ސީދާ އަދަދު އަދިވެސް ނޭނގޭކަމަށް އަދުރޭ ވިދާޅުވިއެވެ.
[އިންޑިއާސިފައިން] ތިބިކަން ޔަޤީންވޭ. އެ މަޢުލުމާތު އެބަހުރި. މިހާތަނަށް އައި އިރުގަ ސާފު އަދަދެއް އަދި އޮޅުންފިލާފައެއް ނެތް.
– ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެ ސިފައިން ފޮނުވާލުމާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރާވެސް މަޝްވަރާކުރައްވާފައެވެ. އިންޑިއާ ސިފައިން ހަނިމާދުއާއި އުތުރު ތިލަފަޅުގައިވެސް ޤާއިމްވެ ތިބިކަމަށް ޕީޕީއެމް/ޕީއެންސީން ތުހުމަތުކުރެއެވެ.
ނަމަވެސް ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އަސްކަރީ ބޭނުމަކަށް ސިފައިން ރާއްޖޭގައި ނެތްކަމަށެވެ.
ކޮމެންޓު ފޮނުވާ