އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްހުލް ވަނީ

އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްހުލް ވަނީ

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅޭ މައްސަލައަށް ދަތައްހުލް ވުމަށް ޑިމޮކްރެޓްސް ޕާޓީން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ އެޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑިމޮކްރެޓްސް ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ އެމައްސަލައަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި މަޖިލިހުގެ މައްޗަށް ކޮށްފައިވާ ދައުވާއެއްކަމުގައި އެޕާޓީން ދެކޭ ކަމުގައެވެ. އެހެންކަމުން އެޕާޓީން އެ މައްސަލައަށް ތަދައްހުލް ވާންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ [ޑިމޮކްރެޓްސްގެ] ހުރިހާ މެމްބަރުންވެސް ހަގީގަތުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކުރެވިފައިވާ ދައުވާއެއް މި ދައުވާއަކީ، އެހެންވީމާ އެކަމަށް ތަދައްހުލްވާން ޖެހޭނެ. އަޅުގަނޑު ހަމަ ޔަގީނުންވެސް ވާނަން އެނގޭތޯ.

އަލީ އާޒިމް ވިދާޅުވިއެވެ.

ނަޝީދު ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ގޮސްފައިވަނީ، މަޖިލިސް ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގައި ކުރިޔަށް ގެންދާން ޖެހޭނީ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއެއްގައިކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައި ވަނިކޮށް، ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ، މަޖިލިހަށް ސަލާމް ބުނުމާއެކު، އީވާ ސަލާމުގައި ހުންނަވަނިކޮށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް މަޖިލިސް އިދާރާއިން ނިންމުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެއަށް އެޖެންޑާ ކޮށްފައިވަނިކޮށް، އީވާ ސަލާމް ބުނުމާއެކު ޖަލްސާ ނިންމާލުމަށް މަޖިލިސް އިދާރާއިން ނިންމި ނިންމުމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން އިހުތިޖާޖުކޮށް އިދާރީ މުވައްޒަފުންގެ ތަކެއްޗަށްވެސް ގެއްލުން ދީފައި ވެއެވެ.

މަޖިލިހުގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވާ މަޖިލިސް ރައީސަށް ޖަލްސާގެ ރިޔާސަތުގައި ނީންނެވޭނެ ކަމުގައެވެ. މަޖިލިހުގެ ގަވާއިދުގައި އޮތް ގޮތުން މަޖިލިހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދާން ޖެހެނީ އެމަޖިލިހުގެ ނާއިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއެއްގައެވެ.

މިމައްސަލައާއި ގުޅިގެން، އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ދެ ކަމެއް އެ ކޯޓުން ނިންމައި ދިނުމަށެވެ.

ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިޔަށް ގެންދެވޭކަމަށް ކަނޑައަޅާ ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގައި އޮންނަނީ، މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ 5 މެމްބަރަކު ތިއްބަވާގޮތަށެވެ. އަދި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ދޭން ޖެހެނީ އެ މެމްބަރުންގެ ސީނިއަރިޓީއަށް ބަލައިގެންނެވެ.

އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލާގެ ދެވަނަ ކަމެއްގެ ގޮތުގައި އެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަޑައަޅައި ދިނުމަށެވެ.

މިހާރު މަޖިލިސް އޮތް ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ، ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްފަހު. ނަމަވެސް، އެ މަސައްކަތް އެގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް ރިޔާސަތުން އިސްވެ ހުރެ ހުރަސްއަޅަމުންދާހާ ހިނދަކު، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވިދާނެ އެއްވެސް މަގެއް ނެތް. ނަތީޖާއަކަށް ވާނީ، ރައްޔިތުންގެ މަޖިލީހެއް ވުޖޫދުގައި އޮވެމެ، މަޖިލިސް ހުއްޓުމަކަށް އައުމާއި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ގޮތަށް ބާރު ކެނޑުން،"

އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ބުނެފައި ވެއެވެ.

މި މައްސަލަ އެ ކޯޓަށް ބަލައިގަނެފައިވާއިރު އަޑުއެހުންތައް ތާވަލުކުރާނެ ދުވަސްތައް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ