އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރައްވަން ހުރަސް އަޅާނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ފީކަޅާ ވާހަކަ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގައި އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. އަދި ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބާރު އަޅައި ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފައެވެ. އެމްޑީޕީން ގަބޫލު ކުރާ ގޮތުގައި، ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮއްވައި ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެ މައްސަލައާ މެދުގައި ގޮތެއް ނިންމުމެވެ.
ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާއަކީ ފޯމަލިޓީއެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން އެކަމުގައި ބަސް ބުނެފައިވާތީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސް އެޅުމަކީ ދައްކާ ފީކަޅާ ވާހަކައެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
"ހުވާއަކީ ރަސްމީ ކަމެއް، ފޯމަލިޓީއެއް، ދިވެހި ރައްޔިތުންގެ ބަސް އެ އޮތީ ބުނެފައި. އެހެންވީމަ ހުވާ ކުރުމުގެ ރަސްމިއްޔާތު ލަސް ކުރާނަމޭ، ބޮއިކޮޓް ކުރާނަމޭ، މިއީ ފީކަޅާ ވާހަކަ މި ދައްކަނީ. ގައުމުގެ ވެރިކަން ދެން ކުރައްވާނީ ޑރ. މުއިއްޒު." ޔާމީން ވިދާޅުވިއެވެ.
މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހާއި އިއްޔެ އަށް އެޖެންޑާ ކޮށްފައިވަނިކޮށް، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވުމާ އެކު، ދެ ޖަލްސާ ވެސް ވަނީ ކެންސަލްކޮށްފައެވެ.
އެހެންވެ މަޖިލިސް ނުބޭއްވި މައްސަލައިގައި އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި މައިގަނޑު އެދުނީ ދެ ކަމަކަށެވެ. ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިޔަށް ގެންދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
މަޖިލީހުގެ 44 ވަނަ މާއްދާގެ ހ. ގައި އޮންނަނީ، މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ ފަސް މެމްބަރަކު ތިއްބަވަން ޖެހޭނެ ކަމަށެވެ. އަދި އެ މެމްބަރުންނަކީ މަޖިލިހުގައި ތިއްބެވި އެންމެ ދުވަސްވީ މެމްބަރުންނަށް ވާން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި އެދިފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަނޑައަޅައި ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައިވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުއެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލިހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކުގައެވެ.
ކޮމެންޓު ފޮނުވާ