އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމަށް ހުށަހެޅި މައްސަލައިގެ ޖަލްސާ ބާއްވާފައި ނުވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި، އަދި އެޖަލްސާ ނުބާއްވާ މަޖިލިހުގެ އެހެން މަސައްކަތެއް ނުކުރެވެނެކަމަށް ކަނޑައަޅާދިނުމަށް އެދި އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

ނަޝީދު ރިޔާސަތުން ދުރުކުރުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ގޮސްފައިވަނީ، މަޖިލިސް ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގައި ކުރިޔަށް ގެންދާން ޖެހޭނީ ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއެއްގައިކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައި ވަނިކޮށް، ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ، މަޖިލިހަށް ސަލާމް ބުނުމާއެކު، އީވާ ސަލާމުގައި ހުންނަވަނިކޮށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް މަޖިލިސް އިދާރާއިން ނިންމުމާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެއަށް އެޖެންޑާ ކޮށްފައިވަނިކޮށް، އީވާ ސަލާމް ބުނުމާއެކު ޖަލްސާ ނިންމާލުމަށް މަޖިލިސް އިދާރާއިން ނިންމި ނިންމުމާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން އިހުތިޖާޖުކޮށް އިދާރީ މުވައްޒަފުންގެ ތަކެއްޗަށްވެސް ގެއްލުން ދީފައި ވެއެވެ.

މަޖިލިހުގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވާ މަޖިލިސް ރައީސަށް ޖަލްސާގެ ރިޔާސަތުގައި ނީންނެވޭނެ ކަމުގައެވެ. މަޖިލިހުގެ ގަވާއިދުގައި އޮތް ގޮތުން މަޖިލިހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދާން ޖެހެނީ އެމަޖިލިހުގެ ނާއިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއެއްގައެވެ.

މިމައްސަލައާއި ގުޅިގެން، އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދިފައިވަނީ ދެ ކަމެއް އެ ކޯޓުން ނިންމައި ދިނުމަށެވެ.

ފުރަތަމަ ކަމަކީ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް މަޖިލިހުގެ ނާއިބު ރައީސަށް ނާދެވިއްޖެ ހާލަތުގައި، މަޖިލިހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، މަޖިލިހުގެ ޖަލްސާ ކުރިޔަށް ގެންދެވޭކަމަށް ކަނޑައަޅާ ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. ގައި އޮންނަނީ، މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ 5 މެމްބަރަކު ތިއްބަވާގޮތަށެވެ. އަދި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ދޭން ޖެހެނީ އެ މެމްބަރުންގެ ސީނިއަރިޓީއަށް ބަލައިގެންނެވެ.

އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލާގެ ދެވަނަ ކަމެއްގެ ގޮތުގައި އެދިފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލިހުގެ އެހެން މަސައްކަތަކަށް ނުދެވޭކަމަށް ކަޑައަޅައި ދިނުމަށެވެ.

މިމައްސަލައާއި ގުޅޭގޮތުން، އެމްޑީޕީގެ ވަކީލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ކުރީގެ ލީގަލް ކައުންސެލް އަފީފު ވިދާޅުވީ އިއްޔެގެ މަޖިލިސް ޖަލްސާ ހުއްޓުވާފައިވަނީ ގާނޫނު އަސާސީވެސް އަދި މަޖިލިސް ގަވާއިދުވެސް ތަސައްވަރުކޮށްފައި އޮތް އުސޫލަކުން ނޫންކަމުގައެވެ.

އަދި މަޖިލިސް ޖަލްސާތައް ހުއްޓުވާފައި ބޭއްވުމަކީ ޕާލަމެންޓްރީ ޕްރެކްޓިސްގައި އޮންނަ އުސޫލެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހެއް ނުހުއްޓޭނެ. ރައްޔިތުންގެ މަޖިލީހަކީ އުވާލެވޭވެސް ތަނެއް ނޫން. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ދާން ޖެހޭ ގޮތަށް ގަވައިދުތައް ހެދި ބައްޓަން ކުރެވިފައި އޮއްވާ އެކަން ނުކުރެވޭ ގޮތަށް މަޖިލީހުން ގާނޫނުތަކާ ގަވައިދުތައް މާނަކުރެވިގެންވާނެ ކަމަކަށް އަޅުގަނޑު ނުދެކެން.

އަފީފު ވިދާޅުވިއެވެ.

މަޖިލިސް ރައީސް މަގާމުން ވަކިކުރާ ހާލަތުގައި ނާއިބު ރައީސަށް ޖަލްސާއަށް ވަޑައިގެންނެވޭ ގޮތް ނުވެއްޖެނަމަ ދެން އަމަލުކުރާނެ ގޮތެއް މަޖިލިސް ގަވާއިދުގައި ނެތްކަމަށް މަޖިލިހުގެ އިދާރާއިން ބުނާކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ އެއީ ރަގަޅު ވާހަކައެއް ނޫންކަމުގައެވެ.

އަދި އޭނާ ވިދާޅުވީ އެ ހާލަތުގައި ހަދަންޖެހޭ ގޮތް ރައްޔިތުންގެ މަޖިލީހުގެ 44 ވަނަ މާއްދާގެ ހ. ގައި އެ އެބައޮތް ކަމަށެވެ. އެއީ މަޖިލިސް ރައީސާއި ނާއިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި، ރިޔާސަތު ބެލެހެއްޓުމަށް މަޖިލިހުގެ 5 މެމްބަރަކު ތިއްވާގޮތަށް މަޖިލިހުގެ ގަވާއިދުގައި އޮންނަ އޮތުމެވެ.

މިހާރު މަޖިލިސް އޮތް ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއްގައި އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ، ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، މަޖިލިސް ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށްފަހު. ނަމަވެސް، އެ މަސައްކަތް އެގޮތުގެ މަތިން ކުރިއަށް ގެންދިޔުމަށް ރިޔާސަތުން އިސްވެ ހުރެ ހުރަސްއަޅަމުންދާހާ ހިނދަކު، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރެވިދާނެ އެއްވެސް މަގެއް ނެތް. ނަތީޖާއަކަށް ވާނީ، ރައްޔިތުންގެ މަޖިލީހެއް ވުޖޫދުގައި އޮވެމެ، މަޖިލިސް ހުއްޓުމަކަށް އައުމާއި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ގޮތަށް ބާރު ކެނޑުން،"

އެމްޑީޕީން ސުޕްރިމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި ބުނެފައި ވެއެވެ.

މި މައްސަލަ އެ ކޯޓަށް ބަލައިގަނެފައިވާއިރު އަޑުއެހުންތައް ތާވަލުކުރާނެ ދުވަސްތައް މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ