ޕީޕީއެމްގެ ރައީސް ޔާމީނަށް ނުހައްގުން ކޮށްފައިވާ ޖަލު ހުކުމުގައި އެމަނިކުފާނު ބަހައްޓައި ކިތަންމެ ލުއިތަކެއް ދިން ނަމަވެސް އެއީވެސް ދޭ އަނިޔާތަކެއް ކަމުގައި ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ކެނޑިނޭޅި ކުރި މަސައްކަތުގައި އެންމެ އިސްކޮށް ފާއިތުވެދިޔަ 4 އަހަރު ދުވަހު ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު ވަނީ ރޭ ރައީސް ޔާމީން ގޭ ބަންދުން ރަށު ބަންދަށް ބަދަލުކޮށްފައެވެ. ރައީސް ޔާމީންގެ ބަންދަށް ސަރުކާރުން އަނެއްކާ ވެސް ލުއިތަކެއް ދީފައި މި ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާކާމިޔާބުވި ފަހުން، އޮކްޓޯބަރު 1، ގައި ކުރީގެ ރައީސް ކ. މާފުށީ ޖަލުން ގެއަށް ބަދަލު ކުރުމަށްފަހެވެ.
ޝުޖާ ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވަނީ ބޭއިންސާފު ހުކުމެއްކަން ހިނގަމުން މިދާ ހުރިހާ ކަމަކުން ސާފުވެގެންދާ ކަމަށެވެ. ރައީސް ޔާމީނަށް އިސްނާފު ލިބެންޖެހޭ ކަމަށާއި، ހުކުމެއްގައި ބަހައްޓައި ރައީސް ޔާމީނަށް ދޭ ކޮންމެ ލުޔަކީވެސް އަނިޔާއެއް ކަމަށް ޝުޖާ ވިދާޅުވިއެވެ.
ރައީސް ޔާމީން ގޭބަންދުން ވީއްލައި މާލެ ބަންދުގައި ބެހެއްޓުމަކީ ވެސް އަނިޔާއެއް. ރައީސް ޔާމީންގެ މައްޗަށް ޝަކީލު އިއްވީ ހަރާމް ހުކުމެއް. އަލީ ރަޝީދުވެސް އިއްވީ ހަރާމް ހުކުމެއް. ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން މިދަނީ ހާމަވަމުން. ރައީސް ޔާމިނަށް ދެމުންގެންދާ އަނިޔާއަށް ނިމުން ގެނުވީ ރައްޔިތުން ނުކުމެ އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް ދެއްވި ވޯޓް.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބާއްވައިގެން މިސަރުކާރުން އުންމީދު ކުރީ އިންތިޚާބުތައް ކާމިޔާބުކޮށް ރައީސް ޔާމީންގެ ނަން ފަނޑު ކޮށްލެވޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުން ވަނީ އެކަން ނިމުމަކަށް ގެނެސް މިސަރުކާރުވެސް ވޯޓުން ބަދަލުކޮށްފައި ކަމަށް ޝުޖާ ވިދާޅުވިއެވެ.
2018 ގެ ފަހުން ބޭއްވި ހުރިހާ އިންތިޚާބު ތަކެއްގައި ރައީސް ޔާމީން މިސަރުކާރުން ބޭއްވީ ޖަލުގަ. އަނިޔާގަ. އެ އަނިޔާ ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ޤައުމު ދެކެ ލޯބިވާ އެންމެހައި ރައްޔިތުންގެ ހިތުގަ ޖެއްސި. އޭގެ ނަތީޖާ އަކީ އެމް.ޑީ.ޕީގެ މައްޗަށް ޕީ.ޕީ.އެމް/ޕީ.އެން.ސީ ކާމިޔާބު ހޯދުން. މިއަދަކީ އެދުވަސް.
– ޝުޖާ ވިދާޅުވިއެވެ.
ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.