އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިވަގުތުވެސް ފެނަކައާ ގުޅޭ 75 މައްސަލައެއް ތަޙުޤީޤުކުރަމުންގެންދާކަމަށާއި، އޭގެތެރެއިން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެންގިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވަނިކޮށް، ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށް ފެނަކަ ކޯޕަރެޝަނުން ބުނެފިއެވެ.
މިކަމާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ބަލަމުންދާ މައްސަލަތަކުގެ އަދަދު ކަމަށް ބަޔާންކޮށްފައިވާ ތަފާސްހިސާބަކީ2012 ވަނަ އަހަރު އެ ކުންފުނި ވުޖޫދު ކުރެވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި އަދަދު ކަމަށެވެ. އަދި ޒިންމާވާ ފަރާތްތަކުގެ އަތުން ކުންފުންޏަށް ހޯދުމަށް އެންގި 20،504،491.54 ރުފިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ހިންގާފައިވާ ޖުމްލަ 04 މުއާމަލާތަކާ ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާކަމަށް ވެސް ފެނަކައިގެ ބަޔާނުގައި ބުނެފައި ވެއެވެ.
އޭގެތެރޭގައި ސަދަން ޔުޓިލިޓީޒް ލިމިޓެޑްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރަކު ކިޔަވަން ދިއުމަށް ކުންފުނީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނެވޭ 240،000.00 އާއި 2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުއާމަލާތްތަކަކާ ގުޅިގެން ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް އުނިކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނިނުކޮށް އެ ފަރާތަށް ފައިސާ ދައްކާފައިވާތީ ކުންފުންޏަށް ލިބުނު ގެއްލުމަށް ވާ 1،017،170.44 ހިމެނޭ ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
އޭގެ އިތުރުންވެސް، 2016 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާ އެކު ކުރެވުނު މުޢާމަލާތުގައި ކުންފުންޏަށް ލިބެންޖެހޭ 17،857،979.10 ރުފިޔާއާއި 2017 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ބިލިންގ ސޮފްޓްވެއަރ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުއާމަލާތްތުގައި ކުންފުންޏަށް ގެއްލިފައިވާ 1،389،342.00 ރުފިޔާ، އޭސީސީން ހޯދަން އެންގި 20 މިލިއަން ރުފިޔާގެ ތެރޭގައި ހިމެނޭކަމަށްވެސް ފެނަކައިގެ ބަޔާނުގައި ބުނެފައި ވެއެވެ.
ފެނަކައިގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭގޮތުން އޭސީސީން ބުނެފައިވަނީ، އެކޮމިޝަންއިން ތަހުގީގްކުރަމުންދާ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމުގައެވެ.
އެގޮތުން، މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާކަމަށް އޭސީސީން ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ