ދިރާގުގެ ކަސްޓަމަރުންނަށް ޓެސްލާ ކާރެއް ލިބޭ ޕްރޮމޯޝަނެއް އެކުންފުނިން ހުޅުވާލައިިފިއެވެ.
ދިރާގުން ބުނެފައިވަނީ އެކުންފުނީގެ ޕޯސްޓްޕެއިޑް 450 އަދި ފައިބާ ބްރޯޑްބޭންޑް 30 އެމް އިން މަތީގެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް މި ފުރުސަތުގެ ދަށުން ޓެސްލާ އިލެކްޓްރިކް ކާރެއް ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެކަމުގައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ދިރާގުގެ މިހާރުގެވެސް ކަސްޓަމަރުންގެ އިތުރުން ދިރާގަށް އަޅަށް ގުޅޭ ކަސްޓަމަރުންނަށް ކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ. އޭގެ އިތުރުން ކުންފުނީގެ ޚާސަ ޕޯޓަލްއެއް މެދުވެރިކޮށް، އަންނަ އަހަރު ފެށުމުގެ ކުރިން ދިރާގާއި ގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
ޕްރޮމޯޝަންގެ ތަފްސީލު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ އެކުންފުނީގެ 35ވަނަ އަހަރު ފުރޭ އަހަރީ މުނާސަބަތާވެސް ގުޅުވައިގެން ކަމުގައެވެ.
މިފަދަ ކުލަގަދަ އަހަރެއް ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެން ބޭނުންވީ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ކަހަލަ އިނާމެއް ދިނުމަށް.
މިފަދަ މުހިންމު މުނާސަބަތެއް ދިރާގުން ފާހަގަކުރާއިރު، ޒަމާނީ އިލެކްޓްރިކް ކާރެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށް ދިނުމަކީ ކުންފުންޏަށް ލިބޭ ވަރަށްބޮޑު އުފަލެއްކަން ފާހަގަ ކުރައްވަމުން މިރްޝާން ވިދާޅުވިއެވެ.
ދިރާގުން ހަމަޖައްސާފައިވަނީ، އަންނަ މަހުގެ ކުރިން ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް ޓެސްލާ ކާރު ހޯދުމުގެ ފުރުސަތު ދެގުނަ ބޮޑުވާގޮތަށްވެސް ހަމަޖައްސާފައެވެ.