އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ ރައްޔިތުންނާ ދޭތެރޭގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް 38.5 ޓަނުގެ އިންސާނީ އެހީ ފޮނުވައިފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ މިއަދު ވިދާޅުވީ އެހީ ހިފައިގެން ދާ އިންޑިއާގެ އަސްކަރީ ވައިގެ އުޅަނދު މިހާރު ދަތުރުކުރަމުންދަނީ މިސްރުގެ އަލް އަރިޝް އެއާޕޯޓަށް ކަމަށެވެ. މި އެހީގެ ތަކެތި ޣައްޒާ އަށް ވައްދާނީ ރަފާހް ބޯޑަރު ހުރަސްކޮށެވެ. އެއީ މިސްރާއި ޣައްޒާ ގުޅޭ ބޯޑަރެވެ.
އިންސާނީ އެހީ ހިފައިގެން ދިޔަ 20 ޓްރަކް އިއްޔެ ވަނީ ޣައްޒާ އަށް ވަދެފައެވެ. އަދި އިތުރު އެހީތައް ޣައްޒާ އަށް ފޯރުކޮށްދިނުމަށް އެމެރިކާއާ އެކުގައި އެއްބަސްވެފައިވާ ކަމަށް މިސްރުން އިއްޔެ ވަނީ ހާމަކޮށްފައެވެ.
އިންޑިއާއިން ޣައްޒާ އަށް ފޮނުވި އެހީގެ ތެރޭގައި ހިމެނެނީ 6.5 ޓަނުގެ ބޭސްފަރުވާގެ އެހީ އާއި ކާރިސާތަކަށް ބޭނުންވާ 32 ޓަނުގެ އެހީ އެވެ. އޭގެ ތެރޭގައި މުހިންމު ބޭހާއި، ސާޖަރީތަކަށް ބޭނުންވާ ސާމާނާއި، ޓެންޓު، ސްލީޕިން ބޭގު، ފެން ސާފުކުރާ ސާމާނު ފަދަ މުހިންމު އެހީ ހިމެނޭކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.
މި މަހުގެ ހަތް ވަނަ ދުވަހު ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 4،400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި އިރު، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލުން މަރާލި މީހުންގެ އަދަދު 1400 އަށްވުރެ މައްޗަށް އަރާފައިވާއިރު ހަމާސްއިން ވަނީ އިސްރާއީލްގެ 200 އަށްވުރެ ގިނަ މީހުން ރަހީނުކޮށްފައެވެ.
މި ހަނގުރާމަ ނިމެން އުޅޭ ކަމުގެ އެއްވެސް ކޮޅުމައްޗެއް އަދި ނުފެނެއެވެ.