އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ ކަމަށް ބުނެ، އިންތިހާބީ ރައީސްގެ އޮފީހުން ދެއްކި ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ އެސްޓީއޯއަށް ބޭސް އެތެރެކުރަން އިންޑިއާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި ސޮއިނުކޮށް މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
އެސްޓީއޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށެވެ. އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެއެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯއިން އިންޑިޔާގެ ޓެމިލްނާޑޫ ކުންފުންޏަކުން ބޭސްގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭކަމަށާއި އެކަންހުއްޓުމަށް އަންގާފައިވާކަމަށް ބުނެ ނޫސްތަކުގައި ޖަހާފައިވާ ޚަބަރަށް ރިޢާޔަތްކޮށް ދަންނަވަމެވެ
— STO (@stoplc) October 21, 2023
"އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯއިން އިންޑިޔާގެ ޓެމިލްނާޑޫ ކުންފުންޏަކުން ބޭސްގެނައުމަށް އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭކަމަށާއި އެކަންހުއްޓުމަށް އަންގާފައިވާކަމަށް ބުނެ ނޫސްތަކުގައި ޖަހާފައިވާ ޚަބަރަށް ރިޢާޔަތްކޮށް ދަންނަވަމެވެ. އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެސްޓީއޯއިން މި ވަގުތު ސޮއިކުރަން ނޫޅޭ ކަމަށާއި އެފަދަ ކަމެއް ހުއްޓުމަށް އެއްވެސް ފަރާތަކުން މި ކުންފުންޏަށް އަދި އަންގާފައި ނުވާކަންވެސް ހުރިހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ."އެސްޓީއޯ އިން ބުނެފައިވެއެވެ.
އެސްޓީއޯއަށް ބޭސް ގެނައުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިނުކުރަން އެދިއްޖެ
ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ބޭހާއި ބޭހާ ގުޅޭ ސަޕްލައިސް ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގައި އިންޑިއާގެ ކުންފުންޏަކާ އެކީ ސޮއިކުރަން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެކަން ކުރިއަށް ނުގެންދަން އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާއިރު ރާއްޖޭގެ ސިއްޚީ ހާލަތު ދަށްވެ ހޮސްޕިޓަލްތަކުގެ ފެންވަރު ދަށްކަމަށް ފިރުޒުލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން އަހަރުގެ ފަހު ހަ މަހަށް ބޭނުންވާ ސިއްހީ އާލާތްތަކަށް އޯޑަރު ކޮށްފައި ނުވާ ކަމަށާއި އެކަމުގެ ސަބަބުން ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.