ވެރިކަން ހޯދުމުގައި ދެއްކި އެކުވެރިކަން، ވެރިކަން ދެމެހެއްޓުމުގައިވެސް ދައްކައި އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދެއްވުމުގައި ހަރަކަތްތެރިވި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާ ދެއްކެވިި ވާހަކަފުޅުގައެވެ.
ސޯޝަލް ސެންޓަރުގައި ކެމްޕެއިން ޓީމުތަކާއި ބައްދަލުކުރައްވާ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޓީމުތަކާއި މެންބަރުން ކޮށްފައި ވަނީ ގައުމީ މަަސައްކަތެއްކަމަށެވެ.
ވަރަށް ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ، ކަމެއް ހާސިލުކުރުމަކީ އެކަން ދެމެހެއްޓުމަށް ވުރެ ފަސޭހަ ކަމެއް ކަމަށެވެ. އުނދަގޫ ވާނީ އެކަން ދެމެހެއްޓުން ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ވެރިކަން ހޯދުމަށް ދެއްކި ހިތްވަރާއި އެކުވެރިކަން ވެރިކަން ދެމެހެއްޓުމުގައިވެސް ކުރިއަށް އޮތްތަނުގައި ދައްކައިދިނުމަށް އެދިވަޑައިގެންފައެވެ.
އަޅުގަނޑު އެދެނީ އަޅުގަނޑުމެން އެންމެންނަކީ މި ކެމްޕެއިން ކާމިޔާބު ކުރުމަށް މިދެއްކި އެކުވެރިކަން އެ ގޮތުގައި ދައްކާ އަޅުގަނޑުމެންގެ މި ގައުމު ސަލާމަތް ކުރުމުގައި އެ އެކުވެރިކަން މަތީގައި އަދި އެއަށް ވުރެ ވެސް ނުގުޑާ އަޒުމެއްގައި ގައުމައިގެން ކުރިއަށް ދިއުމުގައި އަތުކުރި އޮޅާލާ ބަޔަކަށް ވެގެންދާން.
– އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ކުރިއަށް އޮތީ ވަރަށް ހައްސާސް ދުވަސްވަރެއްކަމަށާއި، ކުރިއަށް އޮތީ ޤައުމު ސަލާމަތްކުރުމުގެ މަސައްކަތްކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ހުރިހާ ޓިމަކުންވެސް ނުގުޑާ ޢަޒުމެއްގައި ތިބުމަށްވެސް އެދިވަޑައިގެންފައެވެ. އަދި އެގޮތަށް މަސައްކަތްކުރެވިއްޖެނަމަ ޤައުމަށް އޮތީ އުޖާލާ މުސްތަޤްބަލެއްކަަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ