އަންނަ އަހަރުގެ ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަނަށްވާއިރަށް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމަވާ ޚިދުމަތްދޭން ފަށްޓަވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހޮޓްލިއާ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖީއެމް ފޯރަމް ފަށްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން އަންނާނީ އެދާއިރާގެ މުވައްޒަފުންނާއި ޓްރެވެލް އެޖެންސީތަކާއި، ސަފާރީތަކާިއ ގެސްޓްހައުސްތައް، ޚާއްޞަކޮށް މުޅި އިންޑަސްޓްރީ ގުޅިގެން ކުރާ މަސައްކަތުންކަމަށެވެ. މިވަގުތު މި ސިނާއަތަށް އެންމެ މުހިންމީ ވެލާނާ އިންތަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ނިންމުންކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ފިނި މޫސުމަށް އެ މަޝްރޫޢު ނިންމުން މުހިންމުކަމަށެވެ.
އިންތިޚާބީ ރައީސް މިހެން ވިދާޅުވެފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ވަނީ ދާދި ފަހުން ހަމަޖައްސައިދީފައެވެ. އެ ފައިސާ ސައުދީން ހަމަޖައްސައިދިނީ ރައީސް މުއިއްޒާއި ސައުދީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ފަސް ބިލިއަން ރުފިޔާގެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ކުރިޔަށް ގެންދަނީ ހަތަރު ފަރާތަކުން ލޯނުގެ އެހީތެރިކަން ހޯދައިގެންނެވެ. ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގެ ފެށި މި މަޝްރޫއުގެ ވަރަށްބޮޑު ބައެއް މިހާރުވަނީ ނިމުމަކާ ހަމަޔަށް އައިސްފައެވެ.
މި މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި ފިއުލް ފާމް، ޕެސެންޖާ ޓާމިނަލް، އަދި ސީ ޕްލޭން ޓާމިނަލްގެ އިތުރުން ކާގޯ ކޮމްޕްލެކްސްއެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ނިމޭއިރު 7 މިލިއަން ޕަސެންޖަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން މި އެއަރޕޯޓުގައި ހުންނާނެއެވެ. މަޝްރޫޢުގެ ދަށުން މިހާރުވަނީ ރަންވޭ، އޭޕްރަން، ފިއުލް ފާމް، ސީޕްލޭން ޓާމިނަލް އަދި ވީއައިޕީ ލޯންޖް ފަދަ ގިނަ ތަންތަނުގެ މަސައްކަތް ނިމިފައެވެ. މިހާރު އެންމެ ބާރަށް ކުރިޔަށްދަނީ އެއަރޕޯޓުގެ މައި ޓާމިނަލްގެ މަސައްކަތްތަކެވެ.
މިމަޝްރޫއަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރު، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ނަގާފައެވެ. އަދި މަޝްރޫޢު ނިންމުމަށް ތާވަލް ކޮށްފައިވަނީ 2025 ވަނަ އަހަރަށެވެ.
ކޮމެންޓު ފޮނުވާ