އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މޫސުމީ ބަދަލުތައް ނަންގަވަނީ ވަރަށް ސީރިއަސްކޮށް ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މަޝްހޫރު ޓީވީ ޗެނަލެއް ކަމަށްވާ "އަލް ޖަޒީރާ" އަށް މުއިއްޒު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ލޮނުގަނޑު އުފުލުމާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ ބައެއް ފަރާތްތަކުން ހިސާބު ޖަހާ ވަރުގެ ސީރިއަސް ކަމެއް ފާހަގަ ނުކުރެއްވޭ ކަމަށެވެ. އަދި، ރާއްޖެ އަށް އަޑިއަށް އެ ބުނާ ވަރަށް ނުދާ ކަމަށް ބެލުމަށް ރާއްޖެ ޒިޔާރަތް ކުރުމަށް މުއިއްޒު ދައުވަތު ދެއްވިއެވެ. އެކަމަކު، މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ފިޔަވަޅުތަކެއް އެޅުމުގެ މުހިންމު ކަން ވެސް ފާހަގަ ކުރައްވައިފައެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއެއް ހިންގި ކަމުގައި ވިޔަސް، އެކަން ކުރަނީ ތިމާވެއްޓަށް ވަރަށް ސީރިއަސްކޮށް ބަލައިގެން ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކަފުޅާ ގުޅިގެން މި ސަރުކާރުގެ ބައެއް ބޭފުޅުންގެ ކަންބޮޑުވުން މުއިއްޒަށް އަމާޒުވިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ފިރުޒުލް ވިދާޅުވީ ފާޑުކިޔުންތައް އަމާޒުކުރަނީ އިންތިހާބީ ރައީސް ދެއްކެވި ވާހަކަފުޅުގެ މުރާދު އޮޅުވާލައިގެން ކަމަށެވެ. އެ އިންޓަވިއުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ވެސް އިންތިހާބީ ރައީސް ފާހަގަކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
"އެކަންކަމަށް ތައްޔާރުވުމަށްޓަކައި ކްލައިމެޓް އެޑެޕްޓޭޝަނަށް މަސައްކަތް ކުރަން ޖެހޭ ވާހަކަ ވަރަށް ސާފުކޮށް ފާހަގަ ކުރެއްވި. އަދި ބޮޑެތި އިގުތިސޯދުތައް އަމަލު ކުރަމުންދާ ގޮތުން ދިވެހިރާއްޖެއަކީ ނުވަތަ ދިވެހިންނަކީ މޫސުމީ ޗެލެންޖުތަކުގެ ވިކްޓިމައިޒް ވެފައިވާ ބައެއް ކަން ވެސް ފާހަގަ ކުރެއްވި. ކާބަން ނިއުޓްރަލް ވާހަކަ އާއި އެ މަގަށް މަސައްކަތް ގެންދަން ކުރައްވާނެ ސިޔާސަތުގެ ވާހަކަ ވެސް ދެއްކެވި،" ފިރުޒުލް ވިދާޅުވިއެވެ.
"އިންތިހާބީ ރައީސް މޫސުމީ ބަދަލުތައް ހަމަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި އެ ވަނީ. އޭގެ ސަބަބުން ރާއްޖެ އަށް ހުރި ގޮންޖެހުންތައް ވެސް ފާހަގަ ކުރައްވާފައި އެ ވަނީ."
ފިރުޒުލް ވިދާޅުވީ އެ ގޮންޖެހުންތަކާ އެކު ވެސް ގައުމެއްގެ ގޮތުގައި ރާއްޖެ އަށް ކުރިއަށް ގެންދެވޭނެ ކަން މުއިއްޒު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މަސައްކަތް ކޮށްގެން އިންވެސްޓްމަންޓްތައް ރާއްޖެ އަށް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ