ރާއްޖޭގެ މައި އެއަރޕޯޓު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލްގެ މަސައްކަތް ނިންމަން 100 މިލިއަން ޑޮލަރު އަދި ރާއްޖޭގެ ސިއްޙީ ދާއިރާއަށް 50 މިލިއަން ޑޮލަރުގެ އެހީ ސައުދީ ފަންޑުން ފޯރުކޮށް ދިނުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.
2.3 ބިލިއަން ރުފިޔާގެ އެހީ ރާއްޖެއަށް ފޯރުކޮށް ދިނުމަށް ސައުދީ ސަރުކާރުން ނިންމާފައިވަނީ ރައީސް ސާލިހުގެ އެދިވަޑައިގަތުމަށެވެ. ރައީސް ސާލިހުވަނީ ފާއިތުވި ހައްޖުގެ އަޅުކަމަށް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
މި އެހީ ފޯރުކޮށްދިނުމުގެ ރަސްމީ އެއްބަސްވުންތަކުގައި ވަރަށް އަވަހަށް ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ފަސް ބިލިއަން ރުފިޔާގެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން ކުރިޔަށް ގެންދަނީ ހަތަރު ފަރާތަކުން ލޯނުގެ އެހީތެރިކަން ހޯދައިގެންނެވެ. ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގެ ފެށި މި މަޝްރޫއުގެ ވަރަށްބޮޑު ބައެއް މިހާރުވަނީ ނިމުމަކާ ހަމަޔަށް އައިސްފައެވެ.
މި މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި ފިއުލް ފާމް، ޕެސެންޖާ ޓާމިނަލް، އަދި ސީ ޕްލޭން ޓާމިނަލްގެ އިތުރުން ކާގޯ ކޮމްޕްލެކްސްއެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ނިމޭއިރު 7 މިލިއަން ޕަސެންޖަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން މި އެއަރޕޯޓުގައި ހުންނާނެއެވެ. މަޝްރޫޢުގެ ދަށުން މިހާރުވަނީ ރަންވޭ، އޭޕްރަން، ފިއުލް ފާމް، ސީޕްލޭން ޓާމިނަލް އަދި ވީއައިޕީ ލޯންޖް ފަދަ ގިނަ ތަންތަނުގެ މަސައްކަތް ނިމިފައެވެ. މިހާރު އެންމެ ބާރަށް ކުރިޔަށްދަނީ އެއަރޕޯޓުގެ މައި ޓާމިނަލްގެ މަސައްކަތްތަކެވެ.
މިމަޝްރޫއަށް ސައޫދީ ފަންޑުން 99.8 މިލިއަން ޑޮލަރު، ކުވޭތު ފަންޑުން 97.6 މިލިއަން ޑޮލަރު، އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރު އަދި އަބޫ ދާބީ ފަންޑުން 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ނަގާފައެވެ. އަދި މަޝްރޫޢު ނިންމުމަށް ތާވަލް ކޮށްފައިވަނީ 2025 ވަނަ އަހަރަށެވެ.
ކޮމެންޓު ފޮނުވާ