އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ބައިނަލްއަޤްވާމީ މީޑިއާއެއްކަަމަށްވާ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމަށް، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތަޢުރީފް ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ބައިނަލްއަޤްވާމީ ފުރަތަމަ މީޑިއާއަކަށް އިންތިޚާބީ ރައީސް ދެއްވި އިންޓަރވިއު އިއްޔެ ވަނީ އަލްޖަޒީރާއިން ދުރަށް ދައްކާފައެވެ. އަލްޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަން ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި، އައު ސަރުކާރުގެ ސޔާސަތުތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އަދި އިންތިޚާބީ ރައީސް ވަނީ ވަރަށް ޔަޤީންކަމާއެކު ކޮންމެ ސުވާލަކަށްވެސް ޖަވާބު ދެއްވާފައެވެ. މި އިންޓަރވިއު ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ބަލައި ސޯޝަލް މީޑިއާގައި ޝެއަރކޮށްފައިވެއެވެ.
އަލްޖަޒީރާއިން ގެނެސްދިން ޑރ.މުޢިއްޒުގެ އިންޓަރވިއު ބެއްލެވުމަށްފަހު ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ އިންތިޚާބީ ރައީސަށް ތަޢުރީފްކުރައްވާފައެވެ. އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެ ރައީސް މައުމޫން ވަނީ، އެމަނިކުފާނުގެ ޒަޢާމަތުގެ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
Congratulations Excellency @MMuizzu I watched the interview you gave to Al Jazeera English. It was quite impressive. I wish YE every success in serving our nation as our next President.
أعانك الله وسدد خطاك يا فخامة الرئيس المنتخب— Maumoon Abdul Gayoom (@maumoonagayoom) October 15, 2023
ރައީސް މައުމޫންގެ އެ ވާހަކަފުޅަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މިއީ ރައީސްކަމަށް ވަޑައިގެންނެވި ބޭފުލަކު މިފަހުގެ ތާރީޚުގައި ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަރވިއުއެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުގައި އިންތިޚާބީ ރައީސް ވަނީ އެމަނިކުފާނު ކެމްޕެއިންގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުލުތައް ހަމައެގޮތުގައި ފުއްދަވާނެކަމަށް ތަކުރާރުކުރައްވާ ޔަޤީންކަން ދެއްވާފައެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރާއްޖޭޣައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތެވެ. އެގޮތުން ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު އެ މަސައްކަތް ފަށްޓަވައި، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުޅި މައްސަލަ ޙައްލުކުރެއްވުމަށް އަމާޒުކުރައްވާކަަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ޖޭއެސްސީގައި ސިޔާސީ މީހުން ނުތިބޭނެގޮތަށް ޝަރޫޢީ ނިޒާމު އިސްލާހުކުރައްވައި އަދުލުވެރި ނިޒާމެއް ޤާއިމްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ވަކި ޤައުމެއް އިސް ނުކުރައްވާ ގެންގުޅުއްވާނީ ހަމަހަމަ ޚަރިޖީ ސިޔާސަތެއްކަމަށް ވިދާޅުވިއެވެ.
އިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާއާ އެކު ވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. އެކަމަކު، ގެންގުޅުއްވާނެ ހާރިޖީ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް" ގެ ސިޔާސަތުތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ، ރާއްޖޭގެ މަސްލަހަތު އަބަދުވެސް އިސްކުރާނެ ސިޔާސަތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭން ބޭލުމާ ގުޅޭގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ވެސް ފެނުނީ އެ މަންޒަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ނުދިނުމަށް ދިވެހި ރައްޔިތުން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީއެވެ.
"މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު އިންޑިއާގެ ހައި ކޮމިޝަނަރާ ބައްދަލުކުރިން. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި ގައުމުން ބާލަން ބޭނުންވާ ވާހަކަ އެ ބައްދަލުވުމުގައި ވެސް އަޅުގަނޑު ދެއްކިން. އެބޭފުޅުން ވިދާޅުވީ މިކަމުގައި މަޝްވަރާކޮށްގެން ހައްލެއް ހޯއްދަވާނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.