ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނެވި ސަފާތު އަހުމަދު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
ސަފާތު ވިދާޅުވި ގޮތުގައި އޭނާ ވާދަކުރައްވަން ނިންމެވީ ހުޅުމާލެ މެދު ދާއިރާއަށެވެ.
ސަފާތު ވިދާޅުވީ ހުޅުމާލެ މެދު ދާއިރާއަށް ކުރިމަތިލައްވަން ނިންމެވީ އެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނާ މަޝްވަރާ ކުުރުމަށް ފަހު ކަމަށެވެ.
ސަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރ އަދި ރައީސްއެވެ. މީގެ އިތުރުން ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ސަފާތު މަސައްކަތް ކުރައްވުމުގެ އިތުރުން އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
ސަފާތު ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވަސިޓީ އޮފް ނޮޓިންހަމް އިން މާސްޓަސް ޑިގްރީ ހާސިލް ކުރައްވައިފައެވެ.
އޭނާ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓު މަހުއެވެ.