ސަރުކާރުގެ ވުޒާރާތަކުގެ ބަލަދުވެރިކަމުގެ ހަމަޖެއްސިފައި ހުންނަ މުއައްސަސާތަކަށް ސިޔާސީ ނުފޫޒް ވަދެފައިވާ ކަން ފާހަގަ ކުރެވެމުންދާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ މިހާތަނަށް އައިއިރު ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާ އެކުގައި ބައްދަލުވުންތައް ބޭއްވުނު އިރު ފާހަގަ ކުރެވުނު އެއް ކަމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހާއްސަ ގާނޫނެއްގެ ދަށުން އުފެއްދިފައި ހުންނަ މުސްތަގިއްލު އިލްމީ މަސައްކަތްތައް ކުރުމަށް އުފެއްދިފައި ހުރި ބައެއް އިދާރާތައް ހުންނަ ކަމަށެވެ.
މިހެން ހުންނަ މުއައްސަސާތަކާ ބައްދަލު ކުރާ އިރު، ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ އެ މުއައްސަސާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒް ވަދެފައިވާތީ، ގާނޫނުން ތަސައްވަރު ކުރެވިފައިވާ ޒިންމާ އަދާ ކުރުމުގައި ދަތިތަކެއް ކުރިމަތިވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިނިސްޓްރީއެއްގެ ބަލަދުވެރިކަމުގެ ދަށުގައި ހުންނަ ނުވަތަ ރޭވިފައި ހުންނަ މުއައްސަސާތަކަކީ އޭގެ ޒާތުގައި އިލްމީ ފަންނީ، މަސައްކަތްތަކެއް ކުރުމަށް ގާނޫނު ތަސައްވަރުކޮށްފައި ހުންނަ މުއައްސަސާތައް. ނަމަވެސް އެ މުއައްސަސާތަކުން އެބަ ފާހަގަ ކުރައްވާ އެބޭފުޅުންގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން އެބޭފުޅުންގެ ޒިންމާ، ގާނޫނުން ތަސައްވަރުކުރައްވާފައިވާ އޮންނަ ޒިންމާ އަދާ ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަން،" ފިރުޒުލް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ ތަންތަނަށް ލިބެން ޖެހޭ ވަސީލަތާއި ބަޖެޓާއި އިންސާނީ ވަސީލަތް ލިބުމުގެ ދަތިކަމުގެ ސަބަބުން އެބޭފުޅުން ކުރަން ބޭނުންވާ އިލްމީ ފަންނީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅި، ގާނޫނު އެ ތަސައްވަރު ކުރާ ގާނޫނީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ދަތިތަކެއް ވަރަށް ބޮޑަށް ކުރިމަތިވެފައި ހުރި ކަން އެ މުއައްސަސާތަކުން ފާހަގަ ކުރައްވާ ކަން އަޅުގަނޑު ފާހަގަކޮށްލަން،" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގެ ހާލަތު ވަރަށް ދެރަކޮށް ހުރި ކަން ވެސް އެނގެމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރާ ކުންފުނިތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު ލިބެން ޖެހޭ ފައިސާ ނުލިބުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ