ނަޝީދު ވަކިކުރުމުގެ މައްސަލައަށް ސަމާލުކަމެއް ނުދެން: އަބްދުއްރަހީމް

ނަޝީދު ވަކިކުރުމުގެ މައްސަލައަށް ސަމާލުކަމެއް ނުދެން: އަބްދުއްރަހީމް

Author
އަހުމަދު
12 އޮކްޓޯބަރ 2023 03:33
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އަށް ސަމާލުކަމެއް ނެތް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބެއްގައި އަދުރޭ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އެއްވެސް ސަމާލު ކަމެއް ނުދެއްވާ ކަމަށާއި މިވަގުތު މުހިންމީ އާ ސަރުކާރާ ހަވާލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ މާބޮޑު ސަމާލުކަމެއް ނެތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކަށް." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި އަމަލުކުރާނޭ ގޮތެއް ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމަވާނެ ކަމަށެވެ. އަދި އެކަމާ ނުވިސްނާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކި ކުރަން މަޖިލިހަށް ހުށަހަޅާފައިވަނީ 48 މެމްބަރުންގެ ސޮޔާއެކުގައި މިދިޔަ ހޯމަ ދުވަހުއެވެ.

މަޖިލިހަށް ހުށަހެޅި ގަރާރުގައި ވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި މަޖިލީހުގެ ތަޅުމަށް ކަންކަން ގެނައުމުގައި ނަޝީދުގެ އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ފަރާތަކަށް ބުރަވެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަންކަން ނިންމަމުންދާ ކަމަށެވެ. މަޖިލީހުގެ ނިޒާމު ހިފެހެއްޓުމުގެ ބަދަލުގައި މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ނަޝީދު ވާގިވެރިވަމުން ގެންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވާފައި ބޭއްވުމަށް ފަހު، ނަޝީދު ނިސްބަތްވާ ޕާޓީގެ އަދި އެ މަނިކުފާނުގެ މަސްލަހަތު އޮތް މައްސަލަތަކެއް މަޖިލީހަށް ތާވަލު ކުރުމަށް ފަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޖަލްސާތައް ބާއްވާފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

އެހެންވެ، ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަމަށް ވެސް ގަރާރުގައިވެއެވެ. މިއީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅި ދެވަނަ ފަހަރެވެ.

މީގެކުރިން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއިއެކުގައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ދަށް ނަތީޖާއާއެކު، އެމްޑީޕީން ޑިމޮކްރެޓްސްއާއި އެކު ގުޅިގެން މަސައްކަތްކުރުމުގެ ބޭނުމުގައި އެ މައްސަލަތައް އަނބުރާ ނެގިއެވެ. އެ މައްސަލަތައް އަނބުރާ ނެގިނަމަވެސް ޑިމޮކްރެޓްސް އިން އެމްޑީޕީއަށް ތާޢިދުކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުންވެސް އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާއެކު އެޕާޓިން ބޭއްވި ޤައުމީ  މަޖިލީހުގެ ޖަލްސާގައިވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަލުން ނަޝިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއިއެކުއެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އެމްޑީޕީގެ 55 މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އެ މައްސަލަ މަޖިލިހުން ފާސް ކުރަން 45 މެމްބަރުންގެ ވޯޓު ބޭނުންވެއެވެ. އެ މައްސަލައިގައި ނަޝީދަށް މިހާރު ވަނީ ނޯޓިސް ފޮނުވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.