300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2020 11:19
0

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި މީޑިއާގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި މަސްތުވާތަކެތި ސަލާމަތްވެފައިވާ މުޖުތަމައުއެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެމަސައްކަތްތަކުގެ ތެރެއިން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް އަތުލައިގަނެވޭ މަސްތުވާތަކެތި ތަހުގީގު މަރުހަލާ ނިންމައި ވީހާވެސް އަވަހަށް ނައްތާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ.

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 12778 އެވިޑެންސްގައި ހިމެނޭ 25،880 ރަބަރު ޕެކެޓާއި 11،794 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 734 ދަޅާއި 455 ބްލެޓާއި 233 ބިޑިއާއި 11،156 ބޭސްގުޅައާއި އެހެނިހެން 79225 އައިޓެމެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 324.05 ކިލޯގްރާމެވެ. މީގެތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމް.ޑީ.އެމް.އޭއެވެ.

މަސްތުވާތަކެތި ނައްތާލުން ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.