ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ދަނިކޮށް ދެ ގައުމަކަށް ސަފީރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ރާއްޖެ އިން ޕާކިސްތާނަށް ކަނޑައަޅާ އާ ސަފީރަކަށް ޚަދީޖާ ނަޖީހާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ހުށަހަޅައިފިއެވެ.
ނަޖީހާ ޕާކިސްތާނުގެ ސަފީރުކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަދި މިބޭފުޅާގެ ނަން ދިރަސާ ކުރުމަށް ވަނީ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.
ނަޖީހާއަށް ރުހުން ހޯދަން ފޮނުވާފައިވާއިރު އިއްޔެވެސް ވަނީ ދެ ޤައުމަކަށް ސަފީރުން އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައެވެ. ނަޖީހާގެ ނަމަށް ރުހުން ހޯދަން ފޮނުވުމުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ވެރިކަން ބަދަލުވަމުންދާ މިދަނޑިވަޅުގައި ގައުމުތަކަށް ސަފީރުން އައްޔަން ކުރުމުގެ މަސައްކަތް ކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.
ޕާކިސްތާނުގެ އިތުރުން ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ވަނީ ހުށަހަޅައިފައެވެ. މަޖިލީހުން އިއްޔެ ވަނީ އެ ނަންތައް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފައެވެ.
އަންނަ މަހުގެ 17 ގައި މި ސަރުކާރުގެ ދައުރު ހަމަވާ އިރު، އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ސަފީރުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމަކީ އަލަަށް އަންނަ ސަރުކާރަށް ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ