ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ރޭޓިން މިއަހަރުވެސް "ބީ މައިނަސް"ގައި ދަމަހައްޓައިފިއެވެ.
ކޯވިޑުގެ ކުރިން ރާއްޖެއަށް އެ އެޖެންސީން ދިނީ ބީ ޕްލަސްގެ ރޭޓިންއެކެވެ. ނަމަވެސް ކޯވިޑާ ގުޅިގެން "ސީސީސީ" ރޭޓިންއެއް ދިނުމަށްފަހު ކޯވިޑުން އަރައިގަތުމުން "ބީ މައިނަސް" އަށް ބަދަލުކުރިއެވެ. ކްރެޑިޓް ރޭޓިންގ ތައްޔާރުކުރުމުގެ ދުނިޔޭގެ ސިނާއަތުގެ 95 އިންސައްތަ ހިއްސާކުރާ ތިން ކުންފުނީގެ ތެރެއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސް އާއި ފިޗް ރޭޓިންގސްއެވެ.
އަހަރަކު އެއް ފަހަރު ރޭޓިން މުރާޖައާކުރާއިރު، ފިޗުން ބުނީ ރާއްޖޭގެ ރޭޓިން ދެމެހެއްޓީ ރާއްޖޭގެ އުފެއްދުންތައް ކުރިއަރާ، ޓޫރިޒަމް ދާއިރާ ފުޅާވަމުން އަންނާތީ ކަމަށެވެ. ފިޗުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިގްތިޞާދު މި އަހަރު 7.2 ޕަސެންޓުގައި ކުރިއަރާނެއެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގެ އިގްތިޞާދު 6.6 ޕަސެންޓުގައި ކުރިއަރާނެއެވެ.
ފިޗުން ބުނީ، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ބޮޑު ކުރުމަށް ކުރިއަށް އޮތްތަނުގައި އިތުރު ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ސަބަބަކީ، އިމްޕޯޓު ކުރުމަށް ޑޮލަރު ބޭނުން ކުރަން ޖެހޭވަރު އިތުރުވުމެވެ. ރާއްޖޭގެ އިޤްތިޞާދު މުޅިންހެން ފަތުރުވެރިކަމަށް ބަރޯސާވުމަކީ އިޤްތިޞާދުގެ ނާޒުކުކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ފިޗުން ވަނީ ބުނެފައެވެ.
ފިޗުން ބުނީ، ރާއްޖެއަށް ބޭރުން ލޯނާއި އެނޫން ފައިނޭންސިން ހޯދުމަށް ކުރިއަށް އޮތްތަނުގައި އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އެއީ އަންނަ އަހަރު ރާއްޖެއިން ބޭރުން ނެގި ލޯނުތަކަށް 3.6 ބިލިއަން ރުފިޔާއާއި ގެރެންޓީ ދިން ލޯނުގެ 4.6 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެތީއެވެ.
މީގެ އިތުރުން 2025 ވަނަ އަހަރު ބޭރުން ނެގި ލޯނުތަކަށް 5.6 ބިލިއަން ރުފިޔާ ދައްކަން ޖެހެޭކަން ފިޗުން ފާހަގަކޮށްފައިވެއެވެ. ސަރުކާރުން އެންމެ ބޮޑު ދަރަންޏެއް އަދާ ކުރަން ޖެހޭ 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރުގެ ދައްކަން ޖެހެއެވެ. އޭގެ ތެރެއިން ބޭރުން ނެގި ލޯނުތަކަށް އެކަނި 13.6 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.