އެންޓިޖެން ޓެސްޓް ހެދުމުގައި އަމަލުކުރަންވީ އުސޫލު އާންމުކޮށްފި

އެންޓިޖެން ޓެސްޓް ހެދުމުގައި އަމަލުކުރަންވީ އުސޫލު އާންމުކޮށްފި

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2020 11:12
0

ރެޕިޑް އެންޓިޖެން ޓެސްޓް ކުރުމުގަ ހުއްދަދީ، އެ ޓެސްޓް ހެދުމުގައި އަމަލުކުރަންވީ އުސޫލު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، އެންޓިޖެން ޓެސްޓުގެ ނަތީޖާ ބޭނުން ހިފޭގޮތް ބިނާވެފައި އޮންނާނީ ހަށިގަޑުގައި ބަލީގެ ވައިރަސްހުރި ހާލަތުގެ މައްޗަށެވެ. މިގޮތުން، ނަތީޖާގެ އިތުބާރު ބޮޑުވެ، ރަނގަޅު ނަތީޖާއެއް ދައްކާނީ ހަށިގަނޑުގައި އިންފެކްޝަން ބޮޑަށް ހުއްޓާ ޓެސްޓް ކުރުމުންނެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައިވާގޮތުން އެންޓިޖެން ޓެސްޓް ކުރަންވާނީ ކޯވިޑް-19 ފެތުރެމުންދާ ރަށެއްގައި ނުވަތަ ތަނެއްގައި ކޯވިޑް-19ގެ އަލާމާތްތައް ފެންނަ ބަލިމީހުން، ބަލީގެ އަލާމާތް ފެންނަ ދުވަހުން ފެށިގެން ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކޯވިޑް-19 އަށް ޓެސްޓްކުރުމަށެވެ. މިފަދަ ޙާލަތުގައި ޓެސްޓްކޮށް ނަތީޖާ ޕޮޒިޓިވްވެއްޖެނަމަ، މިއީ ރަނގަޅު ނަތީޖާކަމުގައި ބަލައި، ކޯވިޑް-19 އަށް ފަރުވާ ކުރުމާއި ޕޮޒިޓިވްވުމާގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. ނަމަވެސް ޓެސްޓްކުރެވުނީ ބަލީގެ އަލާމާތްތައް ފެށުނުތާ 5 ދުވަސް ފަހުންނަމަ ނަތީޖާ ނެގެޓިވްވިކަމުގައިވާނަމަ ޕީ.ސީ.އާރް ޓެސްޓް ހަދައި ނަތީޖާ ކަށަވަރުކުރަންވާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާ ބޭނުން ހިފޭގޮތަށް މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނާނީ ހަށިގަނޑުގައި ވައިރަސްހުރި ޙާލަތުގެ މައްޗަށެވެ. ސާސް ކޯވިޑް-2 ރެޕިޑް އެންޓިޖެން ޓެސްޓްގެ ނަތީޖާގެ އިތުބާރު ބޮޑުވާނީ ނުވަތަ ރަނގަޅު ނަތީޖާ ދައްކާނީ ވައިރަސްގެ ސަބަބުން ހަށިގަނޑުގައި އިންފެކްޝަން ބޮޑަށް ހުއްޓާ ޓެސްޓް ހެދުމުންކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މި ޓެސްޓްކުރަންވާނީ ހެލްތް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޞިއްޙީ ޙިދުމަތްދޭ ތަނެއްގައި ތަމްރީނުވެފައިވާ ޞިއްޙީ ޚިދުމަޔްތެރިން އިންފެކްޝަން ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް ބޭނުންވާ ފިޔަވަޅުތައް އަޅައިގެންކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ޓެސްޓުގެ ސެންސިޓިވިޓީ 90 އިންސައްތައަށްވުރެ މަތިވުން އަދި ސްޕެސިފިޓީ 97 އިންސައްތައަށްވުރެ މަތިވާންޖެހޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައި އެންޓިޖެން ޓެސްޓް ކޮށްގެން ނުވާނެ ޙާލަތްތައްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ބަލީގެ އަލާމާތް ނުފެންނަ މީހަކަށް ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުވާ މީހަކަށާއި، ބަލި އުޅޭކަން ނޭނގޭ ނުވަތަ ބަލި މަދުމަދުން ފެންނަ ޙާލަތުގައި ބަލިދެނެގަނެ ފަރުވާ ދިނުމުގެ ބޭނުމުގައި މި ޓެސްޓްކޮށްގެން ނުވާނެކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި ޓެސްޓްކުރާތަނުގައި އެންމެ އެކަށީގެންވާ ބަޔޯ ސޭފްޓީ އަދި އިންފެކްޝަން ޕްރިވެންޝަން ކޮންޓޯލު ފިޔަވަޅުތައް ނެތްނަމަވެސް މި ޓެސްޓް ކޮށްގެން ނުވާނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.