އެކްސިޑެންޓުވެ ފަރުވާދެމުން އަންނަނިކޮށް ކުރީގެ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންގެ ބައްޕަ އަޙްމަދު މަނިކު ނިޔާވެއްޖެއެވެ. ނިޔާވީ ރޭ ދަންވަރު 02:50 ހާއިރުއެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 74 އަހަރެވެ.
އަޙްމަދު މަނިކު އެކްސިޑެންޓުވެފައިވަނީ، ހުކުރު ދުވަހުގެ ރޭ އިޝާނަމާދަށްފަހު، މާލޭ ބޭރުމަގ،ު ޗައިނާ އެމްބަސީ ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް، ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ސައިކަލުގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އަޙްމަދު މަނިކުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. އަދި ސިކުނޑިއަށް ލޭއެޅި، ނިޔާވީ، ހޭނާރައި އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ.
އަޅުގަޑުގެ ލޮބުވެތި ބައްޕަ ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވާފަ.
ބައްޕައަށް ކުއްލި ގޮތަކަށް ކުރިމަތިވި އެކްސިޑެންޓާއި ގުޅިގެން ހެޔޮދުޢާ ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.. 1/2 pic.twitter.com/Lulir3tbLY
— Mohamed Ameeth (@MohamedAmeeth) October 8, 2023
އަޙްމަދު މަނިކަކީ، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ނާއިބު ސަފީރު މުޙައްމަދު އަމީތު އަޙްމަދު މަނިކުގެވެސް ބައްޕާފުޅެވެ.
އަޙްމަދު މަނިކުގެ މައްޗަށް ކުރެވޭ ކަށު ނަމާދުކުރުން އޮންނާނީ އަސުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.
މާތް ﷲ މައްޔިތާގެ ފުރާނައަށް ހެޔޮރަޙްމަތް ލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
ކޮމެންޓު ފޮނުވާ