އެޗްޕީއޭގެ އިރުޝާދާއިއެކު ފިޔަވަތީގެ ތޮއްޖެހުން ކުޑަކުރަނީ

އެޗްޕީއޭގެ އިރުޝާދާއިއެކު ފިޔަވަތީގެ ތޮއްޖެހުން ކުޑަކުރަނީ

Author
މުޙައްމަދު ޝަޒައިމް
08 އޮކްޓޯބަރ 2020 10:48
0

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބައިތިއްބަން، ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ މުވައްޒަފަކާއި އަށް ކުއްޖަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް އެ ތަނުގެ ތޮއްޖެހުން ކުޑަކުރަން ފިޔަވަޅުތަކެއް އެޅުމަށް ޖެންޑާ މިނިސްޓްރީން މަސައްކަތް ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ވިދާޅުވީ ފިޔަވަތިން ކޮވިޑް ޖެހުނު އަށް ކުދިންގެ އިތުރުން އެހެން 26 ކުއްޖަކު އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އެ 26 ކުދިން އެހެން ތަނަކަށް ބަދަލުކުރީ ފިޔަވައްޗަކީ ޖާގައިގެ ދަތިކަން އޮތް ތަނަކަށް ވުމުން ކަމަށާއި އެ އިންތިޒާމް ހަމަޖެއްސީ ކުދިންގެ ރައްކާތެެރިކަން ކަށަވަރުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިރުޝާދު ދިނުމުން ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.

"މި ފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތްކުރައްވަމުން ގެންދެވި މުވައްޒަފެއްކަމުން އެ ފަންގިފިލާގެ ކުދިންވަނީ ކަރަންޓީން ކުރެވިފަ. މި ކުދިންގެ ޓެސްޓް ކުރެވި އިތުރު 8 ކުދިން ވަނީ ފައްސިވެފަ. މި ފައްސިވި ކުދިންގެ ތެރޭގައި ރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖެއްވުމުން، މި ކުއްޖާ ކެއަރވޯކަރާއިއެކުވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އަދި ކުއްޖާގެ ޙާލަތު މޮނިޓަރކުރެވި އެދެވޭ ފަރުވާ ދެމުންދާކަމާއި ހާލު ރަނގަޅުކަން ދަންނަވަން" ޖެންޑާ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ފިޔަވައްޗަކީ 3 ފަންގިފިލާއަށް ހުރި 12 ކޮޓަރި ހިމެނޭ ތަނަކަށް ވެފައި، ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ލިބޭނެކަން ޖެންޑާ މިނިސްޓްރީން ވަނީ ޔަޤީންކަން ދެއްވާފައެވެ. އަދި ކުދިންގެ ތަޢުލީމީ ކަންކަން ވެސް މި ތަނުގައި ކަށަވަރުކުރެވޭނެކަމަށާއި، މި ފުރުޞަތުގައި ފިޔަވަތީގައި ތިބި ކުދިންގެ ބެލެނިވެރިންނަށް އެކުދިންގެ މަޢުލޫމާތު ދެމުން ގެންދާނެކަމާއި ކަމުގެ ސައްޚަ މަޢުލޫމާތު ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ހޯދުމަށް އެންމެހާ ފަރާތްތަކަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.