މިމަހުގެ 30 ގައި، ނިޒާމު ބަދަލުކުރުމާމެދު ގޮތެއް ނިންމުމަށް އާންމު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އިސީން ކުރިން ނިންމާފައިވި ނަމަވެސް، އެކޮމިޝަނުން އެދިފައިވާ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހަށް މިއަދާހަމައަށްވެސް ގޮތެއް ނިންމިފައި ނުވާތީ، މިމަހުގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތްކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައިވާ ގޮތުން، އިންތިޚާބެއް ބޭއްވުމަށްޓަކައި މަދުވެގެން 45 ދުވަސް ބޭނުންވާ ކަމުގައެވެ.
އެއީ، އިންތިޚާބަށް އިޢުލާން ކުރުމާއި، ރަޖިސްޓަރީ ޢާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި، އޮފިޝަލުން ތަމްރީން ކުރުމާއި، ކެމްޕެއިން ކުރުމާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމާއި، ވޯޓު ކަރުދާސް ތައްޔާރުކޮށް ޗާޕުކުރުން ފަދަ ކަންކަމަށް.
ހަބީބު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ހަބީބު އިތުރަށް ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރައްވައި، އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ވަގުތަކީ، ރިޔާސީ އިންތިޚާބުގެ މަސައްކަތް ހިނގަމުން އައި ވަގުތާ އެއް ވަގުތަކަށް ވެފައި، އެފަދަ ވަގުތެއްގަައި ކޮމިޝަނަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ލިބިއްޖެނަމަ، އޮކްޓޯބަރ 30 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އެފަދަ ވޯޓެއް ނެގިދާނެ ކަމަށް ދެންނެވިފައިވީނަމަވެސް، މިއަދާ ހަމަޔަށްވެސް ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުން އެދިވަޑައިގެންނެވި ކަންކަމާ މެދު ގޮތެއް ނިންމަވާފައި ނުވާތީ، އޮކްޓޯބަރ މަހުގެ ތެރޭގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމުގައެވެ.
މިކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށްވެފައި، މިކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކާ ނުލައި، މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެއްވޭކަމަށްވެސް ހަބީބު ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ޢާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މިމަހުގެ 30ގެ ކުރިން ނެގުމަށް ގޮވާލާ މަޖިލީހުން ފާސްކުރި ގަރާރު އިލެކްޝަންސް ކޮމިޝަނަށް ފާއިތުވި ނޮވެމްބަރުމަހު ވަނީ ހުށަހަޅާފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޤަރާރުގައި ޤާނޫނީ ސުވާލުތަކެއް ހުރިކަމަށް ބުނެ އެކަންކަން ސާފުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުވާފައެވެ. އޭގެ ފަހުން އެސުވާލު ތައްޔާރު ކުރުމުގެ މަަސައްކަތް މަޖިލީހުން ދަނީ ކުރަމުންނެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިޒާމީ ވޯޓު ނަގާކަމުގައި ވާނަމަ އިލެކްޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭތީ އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ.
ނިޒާމީ ވޯޓު ކުރިއަށް ގެންދިއުމަށް ޓަކައި ލިޔުމުން ހިއްސާކޮށްދޭން އެދޭ ކަންތައްތަކެއްގެ ލިސްޓު ވެސް އީސީން މަޖިލީހަށް ފޮނުވި ސިޓީގައި ހިމަނާފައިވެ އެވެ. އެ ލިސްޓުގައިވާ ފުރަތަމަ ކަމަކީ ވޯޓު ކަރުދާހުގައި ހިމަނަން މަޖިލީހުން ފާސްކުރާ އިބާރާތެވެ.
އެ އިބާރާތް ފާސްކޮށްފައި ފޮނުވަން އެދުނީ ކޮމިޝަނުން ބުނި ގޮތުގައި މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގަަރާރު އޮތް ގޮތުން ގިނަ ގޮތްތަކަކަށް ސުވާލުކުރެވޭ ގޮތަށް އެކަން ހުޅުވާލައިފައި އޮތުމެވެ. އެހެން ނަމަވެސް އެފަދަ ވޯޓެއް ނަގާ އިރު ރައްޔިތުންނަށް ދޫކޮށްލާ އިހުތިޔާރީ ޖަވާބުތައް ކަނޑައަަޅާފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް ވެސް ސިޓީގައި އެ ކޮމިޝަނުން ބުންޏެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި އީސީން އެދުނީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއް ކޮމިޝަނަށް ދިނުމެވެ. ތިން ވަނަ ކަމަކަށް އޮތީ ނިޒާމީ ވޯޓް ނެގުމުގެ ކަންކަމަށް ބޭނުންވާ ބަޖެޓް، ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމެވެ.
ފާއިތުވި ރިޔާސީ އިންތިޚާބު ނިމުމުގެ ކުރިން ރައީސް ސާލިހު ވިދާޅުވެފައިވަނީ، އޮކްޓޯބަރު 30 ވަނަ ދުވަހު ނިޒާމީ ވޯޓު ގެނުމަށް މައްސަލައެއް ނެތްކަމުގައެވެ. އެހެންނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ބުންނަމުން ދަނީ ނިޒާމު ބަދަލުކުރުމަށް ތާއީދު ނުކުރާނެ ކަމުގައެވެ.