އީސީގެ އެސްޖީ ހަސަން ކަނާތް ފަރާތުން 3 ވަނައަށް

ނިޒާމީ ވޯޓަށް އިތުރު ވަގުތު ދޭން އީސީން އެދިއްޖެ

ނިޒާމީ ވޯޓަށް އިތުރު ވަގުތު ދޭން އީސީން އެދިއްޖެ

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަށް އާއްމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުކުރިން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރުމުން، ވޯޓުނެމަށް އިތުރު ވަގުތުދޭން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ޢާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މިމަހުގެ 30ގެ ކުރިން ނެގުމަށް ގޮވާލާ މަޖިލީހުން ފާސްކުރި ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޤަރާރުގައި ޤާނޫނީ ސުވާލުތަކެއް ހުރިކަމަށް ބުނެ އެކަންކަން ސާފުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުވާފައެވެ. އޭގެ ފަހުން އެސުވާލު ތައްޔާރު ކުރުމުގެ މަަސައްކަތް މަޖިލީހުން ދަނީ ކުރަމުންނެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިޒާމީ ވޯޓު ނަގާކަމުގައި ވާނަމަ އިލެކްޝަނުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭތީ އިތުރު ވަގުތު ދެއްވުމަށް އެދިވަޑައިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ.

ނިޒާމީ ވޯޓު ކުރިއަށް ގެންދިއުމަށް ޓަކައި ލިޔުމުން ހިއްސާކޮށްދޭން އެދޭ ކަންތައްތަކެއްގެ ލިސްޓު ވެސް އީސީން މަޖިލީހަށް ފޮނުވި ސިޓީގައި ހިމަނާފައިވެ އެވެ. އެ ލިސްޓުގައިވާ ފުރަތަމަ ކަމަކީ ވޯޓު ކަރުދާހުގައި ހިމަނަން މަޖިލީހުން ފާސްކުރާ އިބާރާތެވެ.

އެ އިބާރާތް ފާސްކޮށްފައި ފޮނުވަން އެދުނީ ކޮމިޝަނުން ބުނި ގޮތުގައި މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގަަރާރު އޮތް ގޮތުން ގިނަ ގޮތްތަކަކަށް ސުވާލުކުރެވޭ ގޮތަށް އެކަން ހުޅުވާލައިފައި އޮތުމެވެ. އެހެން ނަމަވެސް އެފަދަ ވޯޓެއް ނަގާ އިރު ރައްޔިތުންނަށް ދޫކޮށްލާ އިހުތިޔާރީ ޖަވާބުތައް ކަނޑައަަޅާފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށް ވެސް ސިޓީގައި އެ ކޮމިޝަނުން ބުންޏެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި އީސީން އެދުނީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުގައި ގޮވާލާފައިވާ ކަންތަކާ އެއްކޮޅަށް ހުރި ހުއްޖަތްތަކާއި ދެކޮޅަށް ހުރި ހުއްޖަތްތަކުގެ މައުލޫމާތު ކަރުދާހެއް ކޮމިޝަނަށް ދިނުމެވެ. ތިން ވަނަ ކަމަކަށް އޮތީ ނިޒާމީ ވޯޓް ނެގުމުގެ ކަންކަމަށް ބޭނުންވާ ބަޖެޓް، ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *