އަލަށް އަންނަ ވެރިކަމަށް އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް: ރައީސް މައުމޫން

އަލަށް އަންނަ ވެރިކަމަށް އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް: ރައީސް މައުމޫން

އަންނަ ވެރިކަމަށް މަރުޙަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއްކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބު ޑރ.މުޙައްމަދު މުޢިއްޒު ކާމިޔާބުކުރައްވާފައިވަނިކޮށް، އެމަނިކުފާނު ހުވާ ކުރެއްވުމުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭގޮތަށް މަޖިލީހަށް އިޞްލާހެއް ހުށައަޅާފައިވަނިކޮށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީންނާއި ރައީސް ޞާލިޙްވެސް ވިދާޅުވެފައިވަނީ ޑރ.މުޢިއްޒަށް ފަސް އަހަރު ވެރިކަން ކުރައްވަން ލިބިވަޑައިގަންނަވަންޖެހޭކަމަށެވެ.

30 އަހަރު ރާއްޖޭގެ ވެރިކަންކުރެއްވި މައުމޫން ޢަބްދުލްޤައްޔޫމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިމޮކްރަސީއެއްގައި ވެރިކަން ބަދަލުވަނީ އިންތިޚާބުންކަމަށެވެ. ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި، އިންތިޚާބުން އަލަށް އަންނަ ވެރިކަމަށް މަރުޙަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއްކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ޑރ.މުއިއްޒު ކާމިޔާބު ކުރެއްވުމާއި ރައީސް ޞާލިޙް ވަނީ އެމަނިކުފާނާއި ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ވަނީ ރައްޔިތުންގެ ނިންމުން ގަބޫލު ކުރައްވައި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ބަޔާން ކުރާ ގާނޫނު ކަމަށްވާ "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު" ގައިވާ ގޮތުގެ މަތިން ކުރައްވަން ޖެހޭ އެންމެހާ ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ކުރައްވަންޖެހޭ ކަންކަން، ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އުފެއްދެވި ކޮމިޓީގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވަނީ ރައީސް އޮފީހުގެ ސެކްރެޓަރީ ކޯޕަރޭޓް ސާވިސް ހުސެއިން އާމިރެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

ދެވަނަ ބުރުގެ ނަތީޖާ އަށް ބަލާ އިރު، އިދިކޮޅު ކެންޑިޑޭޓު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.

ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިހާރު ވަނީ ހާއްސަ ކޮމިޓީއެއް އުފައްދަވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *