ކޯރަމް ހަމަނުވާތީ މަޖިލިހުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވި

ކޯރަމް ހަމަނުވާތީ މަޖިލިހުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވި

Author
އަހުމަދު
02 އޮކްޓޯބަރ 2023 10:09
0

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން އެންމެ ފަހުން ޖަލްސާ ނިންމާލަން ޖެހިއްޖެއެވެ.

މަޖިލިހުގެ ކޯރަމް ހަމަވާނީ 22 މެމްބަރުން ހާޒިރުވެއްޖެ ނަމައެވެ. މިއަދުގެ ޖަލްސާ އަށް ގިނަ އިން ހާޒިރުވެވަޑައިގެން ތިއްބެވީ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ. ވެރިކަން ކުރާ އެމްޑީޕީ އާއި އެހެން ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޖިލިސް ތަޅުމުން ފެނިފައެއް ނުވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލައެވެ.

ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މެމްބަރުން ވަޑައިނުގެންނެވީ ކީއްވެގެން ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މާދަމާ ވެސް މަޖިލިހުގެ ޖަލްސާއެއް ބޭއްވެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމާ ގުޅޭ މައްސަލަ އެޖެންޑާކޮށްގެން، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން އުޅުނު ޖަލްސާގައި ވެސް ކޯރަމް ހަމަވެފައެއް ނުވެއެވެ. ބަރުލަމާނީއާ ގުޅޭ މައްސަލަތައް މަޖިލިހުގައި ކުރިއަށްދާ އިރު، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފައެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ ބިލް ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ.

ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު އެ ބިލް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ. މަޖިލީހުން ކުރިން އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަރާރެއް ފާސްކޮށްފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.