މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.
ސަރުކާރުން މީގެ ކުރިން ވަނީ އިއްޔެ ރިޔާސީ އިންތިހާބު ބާއްވާތީ މިއަދަކީ ވެސް ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައެވެ. ސަރުކާރުން ދެންމެ ވިދާޅުވީ، މިމަހުގެ 2 ވަނަ ދުވަސް ވެސް ބަންދު ދުވަހެއް ކަމަށް ރައީސް ސޯލިހު ހަމަޖެއްސީ، އިންތިހާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ މާދަމާ އަކީ ވެސް ބަންދު ދުވަހެއް ކަމަށް ހަމަޖަައްސައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ މަތިން ވޯޓު ނުލިބުމުން ރައީސްއަކު ކަނޑައެޅުމަށްޓަކައި ހޮނިހިރު ދުވަހު ވަނީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވާފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. އެގޮތުން ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގެންނެވީ 126586 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %54.05 އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ލިބިވަޑައިގެންނެވީ 107611 ވޯޓެވެ. އެއީ ވޯޓުލި މީހުންގެ %45.95 އެވެ.