ކާމިޔާބީއާއިއެކު އެއްއަޑަކުން ގޮވަމުންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް!

ކާމިޔާބީއާއިއެކު އެއްއަޑަކުން ގޮވަމުންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް!

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2023 09:08
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއަށް ލިބިގެންދިޔަ ކާމިޔާބީއާއިއެކު މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީީގެ މެމްބަރުން އަޑު އުފުލަން ފަށައިފިއެވެ.

ޑރ. މުއިއްޒަށް އިންތިޚާބު ކާމިޔާބުވުމާއިއެކު ޕީޕީއެމް އޮފީސް ކުރިމަތީގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ގެންދަނީ އުފާ ފާޅު ކުރަމުންނެވެ. މިއުފަލުގައި އެންމެ ބޮޑަށް އެއްވެތިބި މީހުން އަޑު އުފުލައި ގޮވަމުންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. "މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރޭ" އެއްވި މީހުން ގޮވާލަމުން ދިޔައެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޑރ. ޖަމީލް ވިދާޅުވީ ދިވެހި ރައްޔިތުން ނިންމާފައިވަނީ ރައީސް ޔާމީން މިހާރުން މިހާރުން ދޫކޮށްލުމަށް ކަމަށެވެ. ޖަމީލް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ބުނެދެނީ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުންކަމަށެވެ. ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް 24 ގަޑިއިރުގެ ތެރޭގަިއ ރައީސް ޔާމީން މިނިވަން ކުރުމަށް ޖަމީލް ވަނީ ގޮވާލާފައެވެ.

އިންތިޚާބުގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ. ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއްކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

2008 އިން ފެށިގެން މިހާތަނަށް ރާއްޖޭގައި އުފެދުނު ސަރުކާރުތަކުގެ މައި ޕާޓީ ތެރޭގައި އުފެދޭ ޚިޔާލް ތަފާތުވުންތަކާއިއެކު ޕާޓީ ރޫޅި ބޮޑެތި ޚިޔާލް ތަފާތުވުން އުފެދުނު ނަމަވެސް މުއިއްޒު ދެއްވި އެންމެ ބޮޑު ޔަގީންކަމަކީ ޕީޕީއެމް/ޕީއެންސީ ރޫޅާ ނުލެވޭނެ ކަމުގެ ޔަގީންކަމަށެވެ. މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އޮތީ ވަރަށް ބަދަހިކޮށް އެކީގައިި ވެރިކަމުގެ ދައުރު ފުރިހަމަ ކުރަން ކަމަށެވެ. އަދި ވަޑައި ގަންނަވަނީ ވަކި ޕާޓީއަކަށް ވަކި މީހަކަށް ވެރިކަން ކޮށްދެއްވަން ނޫންކަމަށާއި ޚިދުމަތް ކުރައްވާނީ ދިވެހި ހުރިހާ ރައްޔިތުންނަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާތަނަށް ސިޔާސީ ޕާޓީތަކުގެ ތެރޭގައި އަދި އިސް ލީޑަރުންގެ މެދުގައި މައްސަލަތައް އެފެދި ޕާޓީތައް ބައިބައިވީ ސިޔާސީ ގޮތުން އަމިއްލަ މަންފާތަކާއިހެދި އުޅުމުންކަމަށެވެ. ނަމަވެސް ދެން އުފެދޭ ޕީޕީއެމް/ޕީއެންސީގެ ސަރުކާރުގައި މިފަދަ އެދުންތަކުން އެއްކިބާކޮށް އެއްބައި ވަންތަ ކަމާއިއެކު ޤައުމަށް ޚިދުމަތްކުރާ ޤައުމަށް ހެޔޮ ވެރިކަމެއް ގެނެސް ދެއްވާނެކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.