ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލެއްވުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. ރައީސް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އެންމެ ބޮޑަށް ގުޅިފައިވަނީ ވޯޓުލާން ނިކުންނަ މީހުންދެ އިންސައްތައަށް ކަމަށެވެ.
މިހާތަނަށް ވޯޓުލާފައިވާ މީހުންގެ ނިސްބަތާއިމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ވޯޓުލާ ޕަސެންޓޭޖް 87 އަށް އެރުވުމަކީ އެންމެބޮޑު އުންމީދު ކަމަށާއި، ނަމަސް 86 ޕަސެންޓް މީހުން ވޯޓުލީ ނަމަވެސް އިންތިޚާބު ކާމިޔާބު ވެގެންދާނެކަމަށެވެ.
ރައީސް ވިދާޅުވީ އެމްޑީޕީއަށް އެކި ތުހުމަތު ސޯޝަލް މީޑިއާގައި ކުރަމުންދިޔަ ނަމަވެސް ޤާނޫނާއި ޚިލާފް އެއްވެސް ކަމެއް ނުކުރާނެކަމަށެވެ. އަދި އިންތިޚާބާއި ގުޅުންހުރި އެންމެހާ ކަންކަން އެމްޑީޕީން ކުރިއަށް ގެންދާނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަަނަ ބުރުގައި ވާދަކުރައްވާ ދެކެންޑިޑޭޓުންވެސް ވަނީ ވޯޓު ލައްވާފައެވެ. ވޯޓުލެއްވުމަށްފަހު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އިންތިޚާބުގައި ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނިކުތުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަަމަށެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖެހިއިރު ވަނީ ވޯޓުލުން ފަށާފައެވެ.