9 ޖެހުމާއި ހަމައަށް 36،000 މީހުން ވޯޓުލައިފި

9 ޖެހުމާއި ހަމައަށް 36،000 މީހުން ވޯޓުލައިފި

Author
މުޙައްމަދު ޝަޒައިމް
30 ސެޕްޓެމްބަރ 2023 10:08
0

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަނުން ޢާންމުކޮށްފައިވާ ހިސާބު ތަކަށް ބަލާއިރު 9 ޖެހުމާއި ހަމައަށް 36،312 މީހަކު ވަނީ ވޯޓުލާފައެވެ. މިއީ 12.84 ޕަސެންޓެވެ. އޭގެ ތެރޭގައި ހިމެެނެނީ 13،110 އަންހެނުންނާއި، 23،202 ފިރިހެނުންނެވެ. މިއީ ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 87.7 އިންސައްތައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްލަ 282،804 މީހަކަށް ވޯޓުލުމުގެ ހައްޤު ވަނީ ލިބިފައެވެ. މީގެ ތެރޭގައި 18 އަހަރު ފުރި ވޯޓުލުމުގެ ފުރުޞަތު އަލަށް ލިބޭ 409 މީހަކު ހިމެނެއެވެ. އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އުމުރުން 35 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނެވެ. މި އުމުރުފުރާގެ 143،609 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

ދެން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާއެވެ. މި އުމުރު ފުރާއިން ޖުމްލަ 116،047 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އަދި 65 އަހަރުން މަތީގެ 23148 މީހަކަށް މި ބުރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ މިފަހަރު 6223 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. މިއީ ފުރަތަމަ ބުރާއި އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ. ފުރަތަމަ ބުރުގައި ރަޖިސްޓްރީވެފައިވަނީ 3327 މީހުންނެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު، ވޯޓުލާފައިވަނީ އޭގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225،486 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.