ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ހައްގު ވީހާވެސް އަވަހަށް އަހަކަށް އަދާކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ހެނދުނު ހެނދުނާ ވޯޓު ލެއްވުމުގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމަށް މުއިއްޒު ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޤާނުނީ ޒިންމާ އަދާކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ނުނިންކުން މީހުންނާއި، ވަކިން ޚާއްސަކޮށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ބޭފުޅުންވެސް ވޯޓު ލުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވޯޓުލުމުގެ އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ވީހާވެސް އަވަހަށް ވަޑައިގެން ވޯޓު ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މިއަދު ހެނދުނު 8 ޖެހުމާއެކު މާލެއާއި އަތޮޅުތަކުގައި ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލާ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިފަހަރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ ގަޑިއަށް އިތުރު އެއްގަޑިއިރު އިތުރުކޮށްދެއްވާފައެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8 ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. ހެނދުނު 7:30 އިން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި އާއްމުން ވަނީ ކިޔުތައް ހަދަން ފަށާފައެވެ. ވޯޓުލާން ފުރަތަމަ އައި 2 މީހުންގެ ހާޒިރުގައި ސެކިޔުރިޓީ އުރަ ކެނޑުމަށްފަހު، 8 ޖެހިއިރު ވަނީ ވޯޓުލުން ފަށާފައެވެ.
ހަވީރު 5 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓުލާން ފެށުމާއެކު ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ޙައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މާލޭ ސަރަޙައްދަށް އިތުރުކުރި 11 ވޯޓު ފޮށްޓާއި، ރާއްޖޭން ބޭރުގައި ބަހައްޓާ ފޮށިތަކާއެކު މި ބުރުގައި ޖުމްލަ 586 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގައި 187 ފޮށި، އަތޮޅުތަކުގައި 319 ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މި ބުރުގައި ވޯޓުލުމަށް އެއް ފޮށި ބަހައްޓާފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ މިފަހަރު 6223 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ. މިއީ ފުރަތަމަ ބުރާއި އަޅާބަލާއިރު ދެގުނަ އިތުރުވުމެކެވެ. ފުރަތަމަ ބުރުގައި ރަޖިސްޓްރީވެފައިވަނީ 3327 މީހުންނެވެ.
މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު، ވޯޓުލާފައިވަނީ އޭގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225،5486 މީހުންނެވެ.
ކޮމެންޓު ފޮނުވާ