މާދަމާ ދިވެހި ރައްޔިތުން ނިންމާ ނިންމުމާއިއެކު ހައްގަށް ނަސްރުލިބި، އެކެއް އޮކްޓޯބަރަށް އަލިވިލޭނީ ދިވެހިންގެ ރާއްޖެއަށް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭން ނިންމާލުމަށް މިއަދު ހަވީރު، އާރޓްފިޝަލް ބީޗުގައި އެތައް ހާސް ބަޔަކާއިއެކު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން މިއަދު ތިބި ހާލަތާއި މިނިވަންކަމާއިމެދު އޮތް ބިރުވެރި ހާލަތުން އަރައި ގަތުމަށް ރައްޔިތުންގެ ބޮޑުއައުލަބިއްޔަތަކުން ރައްޔިތުންގެ ނިންމުން ނިންމާނެކަމަށެވެ.
ހައްގު ގޮތިގައި ކުރެވޭ ކޮންމެ ކަމަކަށް ނަސްރު ލިބޭނެ ކަމަށާއި، މާދަމާ ދިވެހިން ކުރި ހައްގުގެ މަސައްކަތަށް ނަސްރު ލިބޭނެ ކަމަކީ ޝައްކު ކުރައްވާ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ނުގެއްލޭކަމަށް ކިތަންމެ ވަރަކަށް ދައްކަން އުޅުނަސް އެކަން ވާކަށް ނެތްކަމަށެވެ. މިނިވަން މިހާރު އޮތީ އިޔާދަ ކުރަން ޖެހިފައިކަމަށެވެ. ރާއްޖޭގައި އިންޑިއާގެ ސިފައިން ނެތްކަމަށް ދެއްކުމަށާއި، އިޤްތިޞާދީ ގޮތުން އަޅުވެތިވެފައި ނެތްކަމަށް ދައްކަން އުޅުނަސް އެކަން އޮތީ ބޮޑު އަޅުވެތި ކަމެއްގައިކަން މިއަދު ފެނި ހާމަވަމުން ދާކަމަށެވެ.
މާދަމާ ގަލަމަކުން ޖަހާ ފާހަގައަކުން ގައުމު ބަނެވެގެން ދިއުމަކީ ކައިރި ކަމެއް. ރާއްޖޭގެ މުޅި އިޤްތިޞާދު ބައްޓަން ވެފައިވަނީ ވަކި އަތަކަށް ބުރަވެ. އުތުރު ތިލަފަޅަށް ދިވެހި ސިފައިންގެ ބާރެއް ނުހިނގާ. އެކަން ކިތަންމެ ވަރަކަށް ބައެއް ބޭފުޅުންގެ ނުފޫޒުން އަރާ ޓީވީގައި ވިދާޅުވިޔަސް އެކަން އޮތީ އެހެން. އަޅަން އުޅޭ ބުރިޖުގެ އެގްރީމަންޓްވެސް އޮތީ މިހާލަތުގައި.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ވެރިކަން ކުރާނީ ހުރިހާ ރައްޔިތުންނަށް ކަމަށެވެ. އަދި އެކުލަވާލާ ކެބިނެޓް ވެގެންދާނީ ދިވެހި ރައްޔިތުންނަށް 24 ގަޑިއިރު ޚިދުމަތްކުރާގެ ގާބިލް ކެބިނެޓަކަށް ކަމަށެވެ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލައި ރާއްޖޭގެ އަމާންކަން ބަލަހައްޓާނީ ދިވެހި ސިފައިން ކަމަށެވެ. އަދި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންގެ ބޯހިޔާ ވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލު ގެނެސްދޭނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެއްވެސް ތަރައްގީގެ މަޝްރޫއެއް ހުއްޓާ ނުލާނެކަމަށެވެ. އަދި އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށް އަނިޔާވެރި ނުވާނެކަމަށެވެ. ކޮށްދޭނީ އަދުލުވެރި ވެރިކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.