ވެރިކަން ކޮށްދޭނީ ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް ބެލުމެއްނެތި އަދުލުވެރި ކަމާއިއެކު: މުއިއްޒު

ވެރިކަން ކޮށްދޭނީ ވަކި ޕާޓީއަކަށް ވަކި ފިކުރަކަށް ބެލުމެއްނެތި އަދުލުވެރި ކަމާއިއެކު: މުއިއްޒު

ރާއްޖޭގެ ރައްޔިތުން މާދަމާ ދިވެހިންގެ ރާއްޖެެއަށް ދިއުމަށް ނިންމުން ނިންމައިފިނަމަ، އުފެދޭ ވެރިކަމުގައި ޚިދުމަތްދޭނީ ވަކި މީހަކަށް، ވަކި ފަިކުރަކަށް ބެލުމެއްނެތި ހަމަހަމަ ކަމާއިއެކު އަދުލުވެރި ވެރިކަމެއް ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭން ނިންމުމަށް މިއަދު އެތައްހާސް ބަޔަކާއިއެކު މާލޭގައި ބޭއްވި ބޮޑު ހިނގާލުން ނިންމާލުމަށްފަހު އާޓްފިޝަލް ބީޗުގައި ބައިވެރިންނާއި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިއަދުގެ އެއްވުމުން ފެނިގެން ގޮސްފައިވަނީ ދިވެހި ރައްޔިތުން ޤައުމާއިމެދު އޮތް ލޯބިކަމަށެވެ. މިއަދު ދިވެހި ރައްޔިތުން ތިބީ އަޅުވެތި ކަމުގައި ކަމަށާއި، އެކަމުން ސަލާމަތްކޮށް ދިވެހިންނަކީ މިނިވަން ކަމާއިއެކު އުޅެވޭނެ މިނިވަން ޤައުމަކަސް ހަދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިއަދުގެ ހިނގާލުމުގައި އެމްޑީޕީގެ އެތައް ބަޔަކުވެސް ބައިވެރިވި ކަމަށެވެ. އަދި އެހެން ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތް ނުވާ މީހުންވެސް ބައިވެރިވިކަމަށެވެ. މުއިއްޒު ވަނީ އެހުރިހާ ރައްޔިތުންނަށްވެސް އެއްވެސް ތަފާތެއް ނެތި ހަމަހަމަ ކަމާއިއެކު އަދުލުވެރި ވެރިކަމެއް ކޮށްދޭނެ ކަމަށެވެ.

އަޅުގަނޑު ކުރާނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އަދުލުވެރި ވެރިކަމެއް. ކޮންމެ ޕާޓީއެއްގައި ހުރި ކަމުގައިވިޔަސް މަސްސަލައެއް. އެންމެނާއިމެދުވެސް އަމަލު ކުރާނީ ހަމަހަމަ ކަމާއިއެކު. އަނިޔާވެރިކަން ތާއަބަދަށް ނިންމާނަން.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ހުރި ނަމަވެސް އަދި މިނިވަން ބޭފުޅުންވެސް މާދަމާ ނިކުމެ ހަތަރު ނަންބަރަށް ވޯޓު ދެއްވުމަށް މުއިއްޒު ވަނީ އިލްތިމާސް ކުރައްވާފައެވެ. މާދަމާ ދިވެހިން ނިންމާ ނިންމުމަކީ ދިވެހިންގެ މިނިވަންކަން މިނިވަންކަން މަތީ ބޭއްވުމަށް ލިބޭ ފަހު ފުރުސަތަށްވެސް ވުމަކީ އެކަށީގެންވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ހުރިހާ ރައްޔިތުން މިނިވަން ކަމާއި ހަމަޖެހުމާއި ޤައުމުގެ ތަރައްޤީ ކަށަވަރު ކުރުމަށް އެންމެން އެކަތިގަނޑަކަށްވެ އެއްބައި ވަންތަ ކަމާއިއެކު ހަތަރަކަށް ވޯޓު ދެއްވުމަށް އުލްތިމާސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *