ހޯމް މިނިސްޓަރ އިމްރާން ގެންދަނީ ދީނީ ޝައިޚެއްގެ ތާކިހާ އަޅުއްވައިގެން ސިޔާސީ މީހެއްގެ ގޮތުގައި ހުރެ ފުލުހުންގެ މުވައްސަސާގެ އަގު ވައްޓާލަމުން ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ ކުރިން މުއިއްޒުގެ ތަރުޖަމާން ބޭއްވި ފަހު ޕްރެސް ކޮންފަރެންސުގައި ތޮލާލް ވިދާޅުވީ އިމްރާން ގެންދަނީ ދެވަނަ ބުރުގައި ބުހުތާނު ދޮގު ހަދައި އެތައް ހަގީގަތްތަކެއް އޮޅުވާލަމުން ކަމަށެވެ. ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ފުލުހުންގެ ތެރެއިން މައުލޫމާތު ލިބުނުކަމަށް ބުނެ ސިޔާސީ ޕޯޑިއަމްގައި އިމްރާން ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެން ފުލުހުންގެ އެތައް ވެރިންނެއް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންކަމަށް ތޮލާލް ވިދާޅުވިއެވެ.
ފުލުހުންނަކީ ސިޔާސީ ބަޔަކަށް ހެދުމަށް އިމްރާން ދީނީ އަދި ސިޔާސީ ތާކިހާ އަޅުއްވައިގެން ހުންނަވައިގެން ކުރައްވާ މަސައްކަތަކީ ވަރަށް ދަށު ދަރަޖައިގެ ކަންތައްތަކެއް ކަމަށް ތޮލާލް ވިދާޅުވިއެވެ. އިމްރާންގެ މިފަދަ އަމަލުތަކަކީ މުއިއްޒަށް ލިބޭ އިތުރު ތާއީދު ކަމާއި އިމްރާނަކީ މިއަދު ސިޔާސީ ގޮތުން ގޮތް ހުސްވަމުންދާ މީހެއް ކަމަށް ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވަނީ މާދަމާގެ ވޯޓުލާއިރު ކޮންމެ ބޭފުޅަކުވެސް ދެއްވާ ވޯޓަކީ ޞައްޚަ ވޯޓަކަށް ހެދުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ކޮންމެ ބޭފުޅަކުވެސް ވީހާވެސް ހެނދުނާ ވޯޓުލާން ގޮސް ހަތަރު ނަންބަ ގޮޅީފައި ރަނގަޅު ފާހަގަ ޖެއްސެވުމަށްފަހު ވަޑައިގެންނެވުމަށް ތޮލާލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ތޮލާލް ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި ސަރުކާރަށް ނާކާމިޔާބު ވާނެކަން ޔަގީންވުމުން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް ޕީޕީއެމް/ޕީއެންސީގެ އެއްވެސް ސަޕޯޓަރަކު އެފަދަ ކަމެއްގައި ބައިވެރިނުވެ، ވޯޓުން މިސަރުކާރު ބޮޑު ތަނުން ބަލިކުރަން ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ނެރެ ވޯޓުގެ ކަންކަން ކުރުމަށް ތޮލާލް ވަނީ އިލްތިމާސް ކުރައްވާފައެވެ.