ކެމްޕޭންގައި އާދަޔާއި ޚިލާފަށް އެންޓި ކެމްޕޭންކޮށް އަބުރަށް އަރައިގަނެ، މަތިމައްޗަށް ދޮގު ހަދަމުންދަނީ އެމްޑީޕީގެ ސިޔާސަތު ދިވެހި ރައްޔިތުން ގަބޫލު ނުކުރުމުން ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ އޮންނައިރު، މީޑިއާ މެދުވެރިކޮށް މުއިއްޒު ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ފުރަތަމަ ބުރުގައިވެސް އަދި ދެވަނަ ބުރުގައިވެސް ހަގީގަތާއި ޚިލާޔް ވާހަކަތައް ދަނީ ދައްކަމުން ކަމަށެވެ. އަދިި މިފަހުން ދެވަނަ ބުރުގައި އާދަޔާއި ޚިލާފަށް ދޮގުތައް ހަދައި ޒާތަށް އަރައިގަނެ އަބުރަށް އަރައިގަތުން އިންތިހާއަށް ގޮސްފައިވާކަމަށެވެ.
މުއިއްޒު ވިދާޅުވީ މިވާހަތައް ދައްކަމުންދަނީ އެބޭފުޅުން ފުރަތަމަ ބުރުގައާއި އަދި ވެރިކަމުގެ ފަސް އަހަރުގައި ރައްޔިތުންނަށް ވިއްކަން މަސައްކަތް ކުރި ސިޔާސަތުތައް ރައްޔިތުން ބަލައި ނަގުތުމުންކަމަށެވެ. ވޯޓާއި ހަމައަށްދާއިރު ހުރިހާ ގޮތަކުން ގޮސްހުވެ، ދައްކާނެ ބަރުދަންހުރި ސިޔާސަތެއް ވާހަކައެއް ނެތި ސަރުކާރުގެ މުޅި ކެމްޕޭން އޮތީ އެންޓި ކެމްޕޭނަށް ބަދަލުވެފައިކަމަށް މުއިއްޒު ވިދާޅުވިއެވެ. މިވާހަތަކުން ރައްޔިތުންގެ ތައީދު ނުލިބޭނެ ކަމަށާއި މިއީ ކަނޑައެޅިގެން ދޮގުކަން ދިވެހި ހުރިހާ ރައްޔިތުން ގަބޫލު ކުރާކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބަޔަކު ހިތަށްވެސް ނާރާހާ ބޮޑެތި ދޮގުތައް ހަދައި އަބުރަށް އަރައިގަނެ އެންޓި ކެމްޕޭން ކުރަމުންދަނީ، މިއީ ދިވެހި ރައްޔިތުން މިއަދު ގަބޫލު ކުރާ ވާހަކަތަކެއް ނޫން. ޕީޕީއެމް/ޕީއެންސީގެ ނިޝާން ފޯޖުކޮށް އަޅުގަނޑުގެ ސޮއި ފޯޖުކޮށް، ލިސްޓުތައް ނެރެ އެކި ކަންކަން އެބަކުރޭ. މިއީ އަޅުގަނޑުމެންނަށް އެގޭވެސް ކަންކަމެއް ނޫން.
– މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ ޖަލަށްލާނެ މީހުންގެ ލިސްޓެއް ގެންގުޅޭކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ދައްކަވާ ވާހަތަކައި ގުޅިގެން މުއިއްޒު ވިދާޅުވީ މިއީ ސީދާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ވެރިކަމަށް އަންނަނީ އަނިޔާވެރިވާން ނޫންކަމަށާއި، ވެރިކަމަށް އަންނަނީ މިސަރުކާރުން ކުރަމުންދާ އަނިޔާތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިސަރުކާރުން މަތިމައްޗަށް ކިތަންމެ ދޮގެއް ހެދިޔަސް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. ފިތުނަ އުފެއްދުމަށް ކުރި މަސައްކަތުން ވިއްކޭނެ ސިޔާސަތެއް ހުށަހެޅޭނެ ހުށަހެޅުމެއްނެތި ރައްޔިތުންގެ ނަފްރަތާއި ރުޅިވެރިކަން ނޫންއެއްޗެއް މިސަރުކާރަށް ލިބެމުން ނުދާކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.